ކ. މާފުށި ސިއްހީ މަރުކަށުގައި ދަތުގެ ފަރުވާދޭ ޔުނިޓެއް މިއަދު ހުޅުވައިފިއެވެ.

ވާޗުއަލްކޮށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ސެންޓަރުގައި އަލަށް ގާއިމުކޮށްފައިވާ ޑެންޓަލް ޔުނިޓް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲއެވެ.

މާފުށީގައި މިރޭ ހުޅުވި ދަތުގެ ފަރުވާދޭ ޔުނިޓަކީ އަތޮޅުތެރޭގެ ސިއްހީ މަރުކަޒެއްގައި ހުޅުވި އެންމެ ފުރަތަމަ ދަތުގެ ފަރުވާ ދޭ ޔުނިޓެވެ. މި ޔުނިޓާއެކު އަތޮޅުތެރޭގެ ސިއްހީ ހިދުމަތްދޭ 17 ތަނަކުން ދަތުގެ ފަރުވާގެ ހިދުމަތް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިނިސްޓަރު އިމްރާން ވިދާޅުވީ މާފުއްޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއި ޖަލުގައި ގައިދީން ބައިތިއްބާ ރަށަކަށް ވާތީ މާފުށި ސިއްހީ މަރުކަޒުގައި ދަތުގެ ފަރުވާ ދެވެން ފެށުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް އަދި ލުޔެއް ކަމަށާއި މިކަމުގެ ސަބަބުން ހަރަދުތައް ކުޑަވެގެންދާނެ ކަަމަށެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ފުރިހަމައަށް ބައްޓަން ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން މާފުށި ސިއްހީ މަރުކަޒުގައި ދަތުގެ ފަރުވާގެ ހިދުމަތް ދެވެން ފެށުން އެރަށާ ކައިރީގައިވާ ރަށްތަކުގެ ރަށްވެހިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"މާފުއްޓާ ކައިރީގައިވާ ރަށްތަކުގެ ރަށްވެހިންނަށް މި ލިބިގެން ދިޔައީ ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް، ސަލާމަތް ކުރެވުނީ ވަރަށް ގިނަ ވަގުތު، ސަލާމަތް ކުރެވުނީ ފައިސާ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މާފުއްޓާ ކައިރީގައި ވަރަށް ގިނަ ރިސޯޓުތައް ގާއިމުކުރެވިގެންދާ ކަމަށާއި މާފުށި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުން މާލެއަށް އައުމަށްޓަކައި ކުރަންޖެހޭ ހަރަދާއި ތޮއްޖެހުމަށް ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގައިދީންނަށް ސިއްހީ ފަރުވާ ދިނުމުގައި ވަރަށް ގިނަ ތަކުލީފުތަކާއި އުނދަގޫތަކެއް ކުރިމަތިވާ ކަމަށާއި މާފުށީގެ ސިއްހީ ނިޒާމު ރަނގަޅުވެގެން ދިއުމަކީ މުޅި ނިޒާމު ހަރުދަނާ ކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.