މާލޭ ޖަލުގެ އޮފިސަރަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެކަމާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިމަހުގެ ފަސްވަނަ ދުވަހު މާލޭ ޖަލުގެ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އަންގާފައިވާ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވާ އޮފިސަރަކީ ގައިދީންނާ އެއްވެސް ކޮންޓެކްޓެއް ވެފައިވާ އޮފިސަރެއް ނޫން ކަމަށާއި އޭނާގެ ކޮންޓެކްޓުން ކަމަށް ބެލެވޭ އޮފިސަރުން އެޗްޕީއޭގެ އިރުޝާދުގެ މަތިން ކަރަންޓީނު ކުރެވިފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ. އަދި ކަރަންޓީނުކޮށްފައިވާ އޮފިސަރުންގެ ތެރެއިން ބައެއް އޮފިސަރުން ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށްފައިވާކަން ވެސް ކަރެކްޝަންސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކަރެކްޝަންސް އިން ބުނީ މި ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެ ސާވިސް އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޖަލުތަކުގައި މެދުކެނޑުމެއްނެތި ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށާއި މިހާތަނަށް އެ ސާވިސްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ގައިދީއެއް އަދި ބަންދު މީހެއް ކޮވިޑަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.

މީގެ ކުރިން ވެސް ވަނީ މާލޭ ޖަލުގެ އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިދިޔަ ޖޫން މަހު މާލޭ ޖަލުން ޕޮޒިޓިވްވި އޮފިސަރަކީ އެ ޖަލުގެ އިމަޖެންސީ ސަޕޯޓް ގުރޫޕްގެ އޮފިސަރެކެވެ.