ޚަބަރު

ރައީސް ޔާމީން ހައްގުތަކުން މަހުރޫމުކޮށް، ދޮގު ވާހަކަ ދައްކާނަމަ، ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނަން: އާއިލާ

ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުން މަހުރޫމުކޮށް، އެމަނިކުފާނާ މެދު ދޮގު ވާހަކަތައް ދައްކަމުންދާތީ، ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ރައީސް ޔާމީންގެ އާއިލާއިން ބުނެފިއެވެ.

ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބުދުﷲ ޔާމީން ނެރެފައިވާ ބަޔާނެއްގައި ވަނީ ރައީސް ޔާމީނަށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ގާނޫނީ ވަކީލެއް ލިބުމުގެ އަސާސީ ހައްގުން މަހުރޫމުކޮށްފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ރާއްޖޭގެ ހައިކޯޓުގައި އެމަނިކުފާނުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއްގައި އެކޯޓުގެ ފަރާތުން ދައުލަތުގެ މައްޗަށް ކޮށްފައިވާ އަމުރާ ހިލާފަށް ކަމަށެވެ. އަދި ކުރިމިނަލް ކޯޓުގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލި ދައުވާތަކުގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައި

އެކޯޓުން ދައުލަތުގެ މައްޗަށް ކުރި އަމުރާވެސް ހިލާފަށް ކަމަށްވެސް ބަޔާނުގައިވެއެވެ.

ހައިކޯޓާއި ކުރިމިނަލް ކޯޓުން ދައުލަތުގެ މައްޗަށް ކުރި އަމުރުތައް ތަންފީޒުކުރަންޖެހޭ އިދާރާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް. އެ އިދާރާގެ ބަލަދުވެރިޔަކީ މިނިސްޓްރީ. އެހެންކަމުން ކޯޓުތަކުގެ އަމުރުތަކާ ހިލާފަށް، ގާނޫނު އަސާސީން ކޮންމެ ދިވެއްސަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކުން ރައީސް ޔާމީން މަހުރޫމުކޮށްފައިވަނީ މި ދެ މުއައްސަސާއިން ގަސްތުގައި. އެއީ އާއިލާއިން އެކަމާމެދު އިންތިހާއަށް ކަންބޮޑުވާ އަދި ކުށްވެރިކުރާ ކަމެއް،" ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ އިއްޔެ، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މާފުއްޓަށް ދަތުރުކުރުމުންވެސް ކަރެކްޝަންސް އިން ތަފާތު އެކި ބަހަނާތައް ދައްކައި، ކައުންސިލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ނުދިން ކަމުގައި ބުނެ، ރައީސް ޔާމީންއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައި ނުވާ ކަމަށެވެ.

ކުށުގެ ތުހުމަތުގައި ބަންދުކުރާ ފަރާތްތަކާއި ގައިދީން ޖަލުތަކަށް ގެނެސްގޮސްދިނުމާއި، އެ ފަރާތްތަކާ ވަކީލުންނާ ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ފުލުހުންނާއި ކަރެކްޝަންސް އިން ހަމަޖައްސައިދޭންޖެހޭ ކަމެކެވެ. ނަމަވެސް ރައީސް ޔާމީންގެ މައްސަލައިގައި ތަފާތު އުސޫލެއް ގެންގުޅެ، އެމަނިކުފާނާ ވަކީލުންނަށް ބައްދަލުކުރެއްވޭނީ، މާފުށީ ކައުންސިލާއި އެޗްޕީއޭގެ ހުއްދަ ނަގައިގެން ކަމަށް ކަރެކްޝަންސް އިން ބުނުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ފަރާތަކާ މެދު އަނިޔާވެރިވުން ކަމަށްވެސް އާއިލާއިން ބުންޏެވެ.

"އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ދައްކަވައި، ވަކީލުންގެ ހައްގާއި ބޭސްފަރުވާ ހޯދުމުގެ ހައްގު ފަދަ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަކީ ކުޅޭކުޅޭ ކުޅިވަރެއްގެ ގޮތުގައި ސިފަވާ ގޮތަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކި ފަހަރުމަތިން ވާހަކަދެއްކުމަކީ އާއިލާއިން ކުށްވެރިކުރާ ދަށު ދަރަޖައިގެ އަމަލެއް." އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނީ އެކި ފަހަރު މަތިން މީޑިޔާގައި އެއްވެސް އަސްލެއް އަސާސެއް ނެތް ބުހުތާނު ދޮގު ވާހަކަތައް ހޯމް މިނިސްޓަރު ދައްކަވައި، ހިންގި މުޑުދާރު އަމަލުތަކުގެ ސަބަބުން ރައީސް ޔާމީނާއި އެ މަނިކުފާނުގެ އާއިލާއަށް ނަފުސާނީ ގޮތުން ބޮޑެތި ގެއްލުންތަކާއި ހިތާމަ އާއި މޮޅިވެރިކަން ކުރިމަތިވެފައިވާ ކަމަށެވެ.

"ނޫސް މީޑިޔާއާއި މީސްމީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެން ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއާ މެދު ދޮގު ވާހަކަތައް ފަތުރައި އެމަނިކުފާނަށް ދުއްތުރާކުރުމަށް ހޯމް މިނިސްޓަރު އިމްރާނު އިސްވެ ހުންނަވައި ހިންގާ ހުރިހާ ކަމެއް އާއިލާގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިފަދަ ކަންކަމަކީ ދިވެހި މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ ނަގައިލުމަށް އިންތިޒާމީ ގޮތެއްގައި ރޭވިގެން ހިންގޭ ކަންކަން. އަދި ރައީސް ޔާމީނުގެ އިންސާނީ ހައްގުތަކާއި އިސްލާމްދީނުން ކަށަވަރުކޮށްދެއްވާފައިވާ އިންސާނީ ކަރާމާތް ނަގައިލުމަށް ހިންގާ މުޑުދާރު އަމަލެއް،" ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ ގާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްގުތަކުން ރައީސް ޔާމީން މަހުރޫމުކޮށްގެން އެމަނިކުފާނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓައިލުމަށާއި އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ގޮވައިލާ ކަމަށެވެ. އަދި ރައީސް ޔާމީނާ މެދު ދޮގު ބުހުތާނު ވާހަކަތައް ނުދެއްކުމަށާއި، އެމަނިކުފާނަށް އަނިޔާވެރި ނުވުމަށް ހޯމް މިނިސްޓަރު އިމްރާނަށްވެސް އާއިލާއިން ވަނީ ގޮވައިލައިފައެވެ.