މުދާ ވިއްކާ ތަންތަނުގައި ވިއްކަން ބަހައްޓާ މުދަގެ ފެންވަރު ކަނޑައަޅައި އެ ފެންވަރަށް ނުފެތޭ މުދާ ވިއްކައިފި ނަމަ މުދާ ގަތުމަށް ދިން އަގު ނުވަތަ އެ މުދަލުގެ ބަދަލުގައި ހަމަ އޭގެ މުދަލެއް ލިބިގަތުމުގެ ހައްގު މުދާ ގަންނަ ފަރާތްތަކަށް ލިބިދޭ ގޮތަށް މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

އިގްތިސޯދީ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ބިލު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މިއަދު ފާސްކުރީ ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގައި ބުނެފައިވަނީ މި ގާނޫނުގެ މަގުސަދަކީ މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައެޅުމާއި ވިއްކާ މުދަލުގައި ނުވަތަ ދޭ ހިދުމަތުގައި ހުންނަން ޖެހޭ ޝަރުތުތައް ކަނޑައެޅުމުގެ އިތުރުން މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން ކަމަށެވެ. މީގެ އިތުރުން މުދާ ވިއްކުމުގައި ނުވަތަ ހިދުމަތް ދިނުމުގައި ކުރުން މަނާ ކަންތައްތައް ބަޔާން ކުރުންވެސް މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ބަދަލު ލިބިދޭން ޖެހޭ ހާލަތްތަކާއި ބަދަލުގެ މިންވަރު ކަނޑައެޅުމުގެ އުސޫލުތަކާއި މުދަލުގެ އަގު ބަޔާންކޮށްފައި ހުންނަން ޖެހޭ ގޮތްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ. ވިއްކާ މުދަލުގައި ހުންނަން ޖެހޭނެ ޝަރުތުތަކާއި ފެންވަރު އަދި މުދާ ވިއްކަން ބަހައްޓަން ޖެހޭ ގޮތް ވެސް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން ވަކިން މުދާ ވިއްކާއިރު ނުވަތަ ހިދުމަތްތަކާ ގުޅިގެން ދެވޭ މުދަލެއްގައި ހުންނަން ޖެހޭ ޝަރުތުތައްވެސް ވަނީ ކަނޑައަޅައިފައެވެ. އަދި މުދަލުގެ މިލްކުވެރިކަމާބެހޭ ބައިތައްވެސް ހިމަނައިފައި ވެއެވެ.

ބިލުގައި ބުނާގޮތުން މުދަލުގެ އަގު ކޮންޓްރޯލް ކޮށްފައި ނުވާ މުދާ އެ މުދަލުގެ އަގުކަމަށް ބަޔާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގެއްގައި ވިއްކުމަކީ މަނާ ކަމެކެވެ. ތަނަކުން އަންނަ މުދާ އަނބުރާ ރައްދު ކުރުމުގެ ހައްގު މި ބިލުން ގަންނަ ފަރާތްތަަކަށް ވަނީ ލިބިދީފައެވެ.

އެގޮތުން މުދާ ވިއްކާ ފަރާތާއި މުދާ ގަންނަ ފަރާތާ ދެމެދު ވަކި ގޮތަކަށް އެއްބަސް ނުވެ ގަނެފައިވާ މުދަލަކީ ގާނޫނުގައި ބުނެފައިވާ ފެންވަރަށް ނުފެތޭ މުދަލެއް ނަމަ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މުދާ ވިއްކާ ފަރާތަށް އަނބުރާ ރައްދު ކުރުމުގެ ހައްގު ނުވަތަ އެމުދަލެއް ގަތުމަށް ދިން އަގު ނުވަތަ އެ މުދަލުގެ ބަދަކުގައި ހަމަ އޭގެ މުދަލެއް ލިބިގަތުމުގެ ހައްގު މުދާ ގަންނަ ފަރާތްތަކަށް ވަނީ ލިބިދީފައެވެ. މީގެ އިތުރުން ގަތް މުދަލުން ބައެއް ރައްދު ކުރުމުގެ ހައްގު ގަންނަ ފަރާތްތަކަށް ލިބިދޭނެ ގޮތްތަކެއްވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

މުދާ ގަންނަ ފަރާތްތަކަށް މުދާ ދެއްކުމާއި ޓެސްޓް ކުރުމުގެ އުސޫލުތައްވެސް މި ބިލުގައި ވަނީ ބަޔާން ކޮށްފައެވެ. މީހަކު ގަންނަ މުދަލެއްގައި، މި ބިލުގައި ބަޔާންކޮށްފައިވާ ޝަރުތެއް ހަމަ ނުވެގެން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް މި ގާނޫނުގެ ދަށުން އައްޔަންކުރާ އޮންބަޑްސްމަނަށް ހުށަހެޅުމާއި، ދައުވާ ކުރުމުގެ ހައްގުވެސް މުދާ ގަންނަ ފަރާތްތަކަށް ވަނީ ދީފައެވެ.

ހިދުމަތާއި މުދަލުގެ އަގު ކަނޑައެޅުމާއި މުދާ ނުވިއްކައި ބެހެއްޓޭނެ ހާލަތްތައްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މުދާ އިޝްތިހާރު ކުރުމުގައި އެ މުދަލާބެހޭ މައުލޫމާތު އޮޅޭ ގޮތަށް ނުވަތަ ހަގީގަތާ ހިލާފަށް އެ މުދަލާބެހޭ މައުލޫމާތު ފެތުރުމަކީ މަނާ ކަމެއް ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

އިލެކްޓްރޯނިކް ޒަރީއާއިން ކުރެވޭ ވިޔަފާރިތަކާއި ދެވޭ ހިދުމަތްތަކާބެހޭ ބައިތައްވެސް މި ބިލުގައިވަނީ ހިމަނައިފައެވެ.

"ރާއްޖޭގައި ވަކި ބާވަތެއްގެ މުދަލެއް އެއިރަކު ލިބެން ހުރި ގޮތުން ނުވަތަ ރާއްޖޭގެ އިގްތިސާދީ ހާލަތު އެއިރަކު އޮންނަ ގޮތުން ރާއްޖޭގައި ވިއްކާ މުދަލެއްގެ އަގު ކޮންޓްރޯލް ކުރުމަށް ނުވަތަ ވިއްކޭނެ މިންވަރު ކޮންޓްރޯލް ކުރުމަށް ކަމާބެހޭ މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި އެ މުދަލުގެ އަގު ކޮންޓްރޯލް ކުރުމާއި މުދާ އުފުލުގެ ހަރަދަށް ބަލައި ރާއްޖޭގެ އެކި ސަރަަހައްދުތަކަށް ކޮންޓްރޯލް ކޮށްފައިވާ އަގު ތަފާތު ކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވޭ،" ކަމަށް ވެސް ބިލުގައި ބުނެއެވެ.

މިގާނޫނުގެ ދަށުން ކޮންސިއުމާ އޮންބަޑްސްޕާސަންގެ މަގާމު ކަނޑައަޅައި އެމަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންކުރަން ޖެހޭ ކަމަށް ކަނޑައަޅައިފައި ވެއެވެ.

މި ބިލުގައި ވާ ކަންތައްތަކާ ހިލާފުވާ ފަރާތްތައް 1000 ރުފިޔާއިން ފެށިގެން 250،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި ބަދަލު ހޯދުމުގެ މައްސަލަތައް ހުށަހަޅޭ ގޮތަށް ބިލުގައިވަނީ ބަޔާންކޮށްފައެވެ.