ލޮކްޑައުންގެ ހާލަތުގައި މާލެއިން ރަށްރަށަށް ދަތުރު ކުރުމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ އުސޫލާ ހިލާފަށް ރ. އަލިފުއްޓަށް ދިޔަ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ލޮކްޑައުންގެ ހާލަތުގައި މާލެއިން ރަށްރަށަށް ދަތުރުކުރުމާ ގުޅޭގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާ ހިލާފަށް ރަސްމީ އެއްވެސް ފަރާތެއްގެ ހުއްދަނެތި، މާލެއިން ފުރައިގެން ގޮސް، ތަރައްގީކުރަމުން އަންނަ ރިސޯޓެއްގައި ތިބުމަށްފަހު މިމަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި އަލިފުއްޓަށް ދިޔަ 47 އަހަރުގެ ދިވެހި ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ރޭ ރ. އަލިފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދިޔަ މުއްދަތު މަޖިލީހުގައި އެ ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މާލެއިން ރަށްރަށަށް ދަތުރުކުރެވޭނީ އެޗްޕީއޭގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ. އެ އުސޫލާ ހިލާފުވެގެން މީގެ ކުރިންވެސް ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު