އިންޑިއާއަށް ދަތުރުކުރާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ބޯޓެއްގެ ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ އޮފިޝަލަކު ވިދާޅުވީ ޕޮޒިޓިވްވީ އެ ބޯޓުގައި މަސައްކަތްކުރާ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ ކޭސްއާ ގުޅިގެން ވަގުތީގޮތުން އެ ބޯޓު އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށް ވެސް އެޗްއީއޯސީން މައުލޫމާތުދެއެވެ.
ކޮވިޑް ކޭސްތައް އަނެއްކާވެސް ގިނަވެފައިވާ އިރު، މިހާރު ގިނައިން ކޮވިޑަށް ޕޮޒިޓިވްވަނީ ދިވެހިންނެވެ. މިއަދުވެސް 124 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި 100 ދިވެހިން ހިމެނެއެވެ. މިހާތަނަށް ރާއްޖޭގައި 5909 މީހަކަށް ކޮވިޑް ވަނީ ޖެހިފައެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 139 މީހެކެވެ. މިހާތަނަށް ރާއްޖެއިން ބަލިން ފަސޭހަވެފައިވަނީ 3488 މީހުންނެވެ. އަދި ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2389 މީހަކަށެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 23 މީހަކު ވަނީ މަރުވެފައެވެ. އެއީ 18 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.