ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 139 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 139 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 3488 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 124 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 100 ދިވެއްސަކާއި ބަންގުލަދޭޝްގެ 16 މީހަކާއި އިންޑިއާގެ ތިން މީހަކާއި ނޭޕާލުގެ ދެ މީހަކާއި ފިލިޕީންސްގެ މީހަކާއި ޔޫކްރޭނުގެ މީހަކާއި އޮސްޓްރޭލިއާގެ މީހެކެވެ.

މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 5909 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 1478 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 138 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 23 މީހަކު ވަނީ މަރުވެފައެވެ. އެއީ 18 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 15 ދިވެއްސަކު ހިމެނެއެވެ.