މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރަޝިއާގެ ސެންޓްރަލް ރީޖަން އާއި މޮސްކޯގެ އެންމެ ބޮޑު އެއް ޓީވީ ޗެނަލް ކަމުގައިވާ 360 ޗެނަލްގައި ރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ.
މި ކެމްޕެއިނަކީ ރާއްޖެއަށް އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް "ވިޒިޓް މޯލްޑިވްސް ސޫން"ގެ އުންމީދީ މެސެޖެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މި ޓީވީ ޗެނަލްއާއެކު ކުރިއަށްގެންދާ މި ކެމްޕެއިންގެ ޒަރިއްޔާއިން ރަޝިއާގެ ތިން މިލިއަނެއްހާ މީހުންނަށް މި މެސެޖު ލިބިގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މި ކެމްޕެއިންގެ ދަށުން ބެލުންތެރިން އެންމެ ގިނައިން މި ޗެނަލް ބަލާ ގަޑިތައް ފާހަގަކޮށް، އެގަޑިތަކުގައި ރާއްޖެގެ އިސްތިހާރު ދައްކަމުންދާނެ ކަމަށާއި އެގޮތުން ހެނދުނާއި ރޭގަނޑުގެ ހަބަރު ގަޑިތަކުގެ އިތުރުން ހަފުތާ ބަންދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތް ދައްކާ ގަޑިތަކުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ހިމެނޭ ވީޑިއޯ ދައްކައިލެވޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެ އައިސް ހިތްހަމަޖައްސާލައި ޗުއްޓީ ހޭދަކުރުމަށް ކުރެވޭ ކަންތައްތައް ރަޝިއާ ބަހުން އަޑުއަޅައިފައިވާ ވީޑިއޯއިން ދައްކައިލެވިގެންދާނެއެވެ.
އެމްއެމްޕީއާރުސީން ބުނީ މިއީ ދިވެހި ރާއްޖޭގެ ބްރޭންޑަށް ހޭލުންތެރިކަން އިތުރުކޮށް، ރަޝިއާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ހަރަކާތް ކަމަށެވެ.
ރަޝިއާގެ މާކެޓަށް އަމާޒުކޮށްގެން ރާއްޖެ އިސްތިހާރުކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވައިފައެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވީ، ރަޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އުތުރުކުރުމުގެ ގޮތުން ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވެލް އެޖެންޓުންނާ ގުޅިގެން ކެމްޕެއިންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު