ރާއްޖެއަށް ލިބެމުން އަންނަ އެހީތަކާއި ލޯނު އެހީތަކާ ބެހޭ ހުރިހާ މައުލޫމާތާއި އެ އެހިީއާއި ލޯނު ބޭނުން ކުރަމުން އަންނަގޮތުގެ ހުރިހާ ތަފްސީލެއް، ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ހުށަހެޅުއްވި މި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލީ، ޖަލްސާގައި ތިއްްބެވި 23 މެންބަރުންގެ ތެރެއިން 13 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ.

މި މައްސަލަ ހުށަޅުއްވަމުން މެންބަރު ޝިޔާމު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ބޭރުގެ އެކި ގައުމުތަކުންނާއި، އެހީދޭ ޖަމާއަތްތަކުން ދެމުންދާ ފައިސާގެ އެހީ އާއި ލޯނުއެހީ، ހޭދަކޮށް ބޭނުން ކުރާގޮތް ރައްޔިތުންނަށް ސާފުކޮށް ހާމަކުރަމުން ނުދާ ކަމަށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ވެސް ދުނިޔޭގެ އެތައް ގައުމަކާއި އެތައް ޖަމްއިއްޔާ ޖަމާއަތަކުން ވެސް ރައްޔިތުންނަށް އެކި އަދަދުތަކުން ބޮޑެތި އެހީތައް ފޯރުކޮށްދީފައި ވިނަމަވެސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުނުވެ ރައްޔިތުން ނިކަމެތިވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ޖަޒީރާވަންތަ އުފާވެރި ދިރިއުޅުމެއް ހޯއްދަވައިދެއްވާނެ ކަމަށް އެތައް ވައުދެއްް ވުމަށްފަހު، އަދި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދޭކަމަށް އެތައްހާސް ރައްޔިތުން ޝަކުވާކޮށް، އެ ރައްޔިތުންގެ އުދާސްތައް އެކިއެކި ޕްލެޓްފޯމު ތަކުގައި ހާމަކޮށް އަޑު އުފުލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ،

ދުނިޔޭގެ އެކި ގައުމުތަކުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުން ސަރުކާރަށް ދީފައިވާކަމަށްބުނާ، ބައެއް އެހީތަކުގެ ތަފްސީލްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމު ވިދާޅުވީ، އެގޮތުން ރާއްޖެއަށް ދީފައިވާ ލޯނުއެހީތަކުގެ ޖުމުލަ އަދަދު 24.4 ބިލިޔަން ރުފިޔާއަށް އަރާ ކަމަށެވެ.