ކޮވިޑާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމާއި އެކި ކަންކަމަށް ހަރަދު ކުރުމުގައި މާލިއްޔަތުގެ ގާނޫނާ ހިލާފަށް ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ބޮޑެތި އޮޅުވާލުންތަކެއް ކޮށް އޮޅުވާލާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާތީ، އެ މައްސަލަ ބެލުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާއި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ކަމާ ބެހޭ މީހުން ހާޒިރުކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް އާއި ހެލްތު މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ހުށަަހެޅުއްވީ މަރަދޫ ދާިއރާގެ މެންބަރު އިބްރާހިމް ޝަރީފް އެވެ.

މާލިއްޔަތުގެ ގާނޫނާ ހިލާފަށް އެ މިނިސްޓްރީތަކުން ކަންތައްތައް ކުރިއަށްގެންދިޔައިރު ފިނޭންސް މިނިސްޓްރީން ނަގަން ޖެހޭ ޒިންމާތަކެއް އެބަ އޮތް ކަމަށާއި އެހެންކަމުން ފިނޭންސް މިނިސްޓްރީއާ ސުވާލު ކުރަން ޖެހޭ ކަމަށް ވިދާޅުވެ، ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރަން ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އޮޑިޓް ރިޕޯޓާ ގުޅިގެން އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރަން ތާއީދު ނުކުރައްވާ ކަމަށެވެ.

ކޮވިޑް ރިޕޯޓުން ހުރިހާ ކަމެއް ހާމަވާތީ އެ މައްސަލަ ސީދާ ކްރިިމިނަލް އިންވެސްޓިގޭޝަނެއް ކުރުމަށް ފޮނުވަންވީ ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.

އެ މެންބަރުންގެ ހުށަހަޅުންތަކާ ގުޅިގެން، ދެން ތިއްބެވި މެންބަރުންގެ ތާއީދާއެކު، މާދަމާ 2:00 އަށް އޮޑިޓާ ޖެނެރަލް ކޮމިޓީއަށް ހާޒިރުކޮށް އޮޑިޓް ރިޕޯޓާ ބެހޭ ކަންކަން އޮޅުންފިލުއްވުމަށްފަހު ހެލްތު މނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށް ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ބެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ކޮމެޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު ނިންމެވިއެވެ.

އެއަށްފަހު 3:00 ގައި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާބެހޭ މައްސަލަތައް ބެލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް މުގައްރިރު ނިންމެވިއެވެ.