މިދިޔަ ހަފްތާގައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ނޫން ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އިތުރު އެލަވަންސްގެ ގޮތުގައި 22،000 ރުފިޔާއާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ ބޮޑުކުރުމަށާއި، ޑްރައިވަރުންގެ އެލަވަންސް ޕެކޭޖަށް ބަދަލު ގެނެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ހަފްތާގައި ނިންމުމާ ގުޅިގެން، މި ދަނޑިވަޅުގައި އެ ފަރާތްތަކުގެ މުސާރަ ބޮޑު ނުކުރަން އިދިކޮޅު އެމްޑީޕީން ވަނީ ގޮވާލައިފައެވެ.
އެ ކަންތައްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ވަޒީރުންނަށް ބޮޑު ކުރީ އެ މީހުންގެ ކާރު އެލަވަންސް ކަމަށެވެ.
"ކާރު އެލަވަންސްގެ ގޮތުގައި ވަޒީރުންނަށް މި އޮންނަނީ ތެލާއި ޕެޓްރޯލާ ދުއްްވާ ޑްރައިވަރަށް 7000 ރުފިޔާ، ހަމަބުއްދިން މީހަކު ވިސްނާލައިފިއްޔާ އެނގޭނެ ޑްރައިވަރާއި ކާރު ދުއްވަން އަޅާ ތެލަށް 7000 ރުފިޔާއިން ނުވާނެކަން، އެހެންވީމަ އެ ބަދަލު ކުރީ 17،000 ރުފިޔާއަށް މުސާރަ ހަމަ އޮތްގޮތަށް އޮތީ،" އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެ ކަންކަމަކީ ދައުލަތުގައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅުކުރަން ކުރަމުންގެންދާ ކަންތައްތަކުގެ ތެރެއިން ކުރި ކަމެއް ކަމަށެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އަކީ 58،500 ރުފިޔާއެވެ.
ވަޒީރުންގެ މުސާރައަށް އައި ބަދަލާ ގުޅޭ ތަފްސީލުދެމުން މާލިއްޔަތު ކޮމިޓީގެ އިދާރީ މޭޒުން ބުނެފައިވަނީ، އެއީ 2024 ވަނަ އަހަރު މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ޖުޑީޝަރީ އާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރައަށް އައި ބަދަލާއެކު ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައަށްވުރެ ކޮމިޝަންތަކުގެ މެންބަރުންގެ މުސާރަ ބޮޑުކަމަށް ފާހަގަކުރެވޭތީ ގެނައި ބަދަލެއް ކަމަށެވެ.
އެހެންކަމުން ވަޒީޒުންގެ މަޖިލީހުގެ މެންބަރުންގެ ސީދާ މުސާރައާ ކުޅުމުގެ ބަދަލުގައި އެ މީހުންނަށް މުސާރަ ބޮޑުކުރަން ހުށަހެޅީ، އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޑްރައިވަރުންގެ އެލަވަންސް ޕެކޭޖަށް ބަދަލު ގެނެސްގެން ކަމަށްވެސް ބުންނެވެ.
އެގޮތުން އެ ޕެކޭޖުގައި ޕެޓްރޯލް އެލަވަންސްގެ ގޮތުގައި ހިމެނޭ، 1000 ރުފިޔާ 2000 ރުފިޔާގެ އެލަވަންސަށް ބޮޑުކޮށް، ޑްރައިވަރުގެ މުސާރައިގެ ގޮތުގައި ހިމެނޭ 6500 ރުފިޔާ 12،000 ރުފިޔާއަށް ބޮޑު ކުރަން ހުށަހެޅިއެވެ. އަދި ޑްރައިވަރުގެ ލިވިން އެލަވަންސްގެ ގޮތުގައި 3000 ރުފިޔާގެ އިތުރު އެލަވަންސެއް ހިމަނައި އެ ޕެކޭޖު، 7500 ރުފިޔާއިން 17،000 ރުފިޔާއަށް ބޮޑުކުރަން ހުށަހެޅިއެވެ.
މި ހުށަހެޅުންތަކަށް ދެކޮޅު ހެއްދެވީ، ކޮމިޓީގެ ބައްދަލުވުމުގައި އިންނެވި، އެމްޑީޕީގެ ހަމައެކަނި މެންބަރު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާއެވެ.
އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި މުސާރަތަަކަށް މިފަދަ ބަދަލެއް ގެނައުމަކީ، ދުނިޔޭގެ މަސްރަހު މިވަގުތު އޮތްގޮތުން ސަރުކާރަށް އަނެއްކާވެސް ބުރަ ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް މިހާރު މިއޮތް ހާލަތު ބަދަލުވެގެން އެފަދަ ބަދަލެއް ގެނެވިދާނެ ކަމަށާއި، މިހާރު ކުރިމަގު ދައްކާ ގޮތުން މިއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ. އެހެންކަމުން މި ދަނޑިވަޅުގައި އެއްވެސް ތަނެއްގެ މުސާރައާ ކުޅެން ތާއީދު ނުކުރައްވާ ކަމަށް ގަފޫރު ވިދާޅުވިއެވެ.
ނަަމެވެސް މެންބަރު ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވައި، ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަަމަދު އަބްދުﷲ ތާއީދުކުރައްވައިގެން ޕީއެންސީ މެޖޯރިޓީން މި ބަދަލު ގެންނަން ކޮމިޓީން ފާސްކުރިއެވެ.
މި ބަދަލާއެކު ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ 75،500 ރުފިޔާއަަށް ބޮޑުވާނެއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް