ސްރީ ލަންކާ އިން ދިވެހި އާއިލާއެއް ހައްޔަރުކޮށްފި އެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "ވަން" އަށް ވިދާޅުވީ ވިސާ ނެތި ސްރީލަންކާގައި ގިނަ ދުވަސްވެފައިވާ ދިވެހި އާއިލާއެއްގެ ތިން މެންބަރަކު ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއުވާން ވިދާޅުވި ގޮތުގައި އެމީހުން ހައްޔަރުކުރީ ސީދާ ކޮން ދުވަހަކު ކަމެއް އަދި އެމީހުން ވިސާ ނެތި ލަންކާގައި އުޅެފައިވަނީ ކިހާ ދުވަހަކު ކަމެއް އަދި ނޭނގެ އެވެ.

ވިސާ ހަމަވެ ގަވައިދާ ހިލާފަށް ލަންކާގައި ދިރިއުޅެމުން އަންނަ ދިވެހިންނާއި ދިވެހި އާއިލާތައް މީގެ ކުރިން ވެސް ހައްޔަރުކޮށްފައި ވެއެވެ.

ފޮރިން މިނިސްޓްރީން އަންނަނީ ލަންކާގައި އަދި ބޭރުގެ އެހެން ގައުމުތަކުގައި ތިބޭ ދިވެހިންނަށްވެސް ގަވައިދުން ވިސާ ނެގުމަށާއި އާ ކުރަން ޖެހޭ ހާލަތުގައި އާ ކުރުމަށް އަދި ބޭރުގައި ތިބޭއިރު އެގައުމުތަކުގެ ގާނޫނުތަކަށާއި ގަވާއިދުތަކަށް އިހްތިރާމްކުރުމަށް އިލްތިމާސް ކުރަމުންނެވެ.