އެހެން ކްލަބަކާ ގުޅެން ބޭނުންވާކަން ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ، އެކްލަބަށް އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ބާސާ ދޫކޮށް ދާން ބޭނުންވާކަން މެސީ އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނަން ފަށާފައި މިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ޖަރުމަންގެ ބަޔާން މިއުނިކް އަތުން ބޮޑު ތަފާތަކުން ބާސާ ބަލިވެފައިވަނިކޮށެވެ. އެ މެޗުން ބާސާ ބަލިވެފައިވަނީ 8-2ގެ ނަތީޖާއަކުންނެވެ.

އުމުރުން 33 އަހަރުގެ މެސީގެ އެ ހަބަރު މީޑިއާތަކުން ގެނެސްދީފައިވަނީ ބްރެޒިލްގެ ނޫސްވެރިޔާ މާސެލޯ ބެޝްލާގެ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ނޫސްވެރިޔާއަކީ 2017 ވަނަ އަހަރު ބާސާ ދޫކޮށް ބްރެޒިލް ތަރި ނޭމާ، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ގުޅެން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައި ނުވަނީސް އެ ހަބަރު ގެނެސްދިން ފުރަތަމަ ނޫސްވެރިޔާއެވެ.

ނޫސްވެރިޔާ ބެޝްލާ ބުނެފައިވާ ގޮތުގައި 2021 ގައި ބާސާއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން މެސީ އެ ކްލަބު ދޫކޮށް ދާން ބޭނުންވެއެވެ. ބާސާ ދޫކޮށް މިސީޒަން ނިމުމުން މެސީ އެހެން ކްލަބަކާ ގުޅޭނެ ކަމަށް ވެސް ބެޝްލާ ބުނެފައިވެއެވެ.

ބެޝްލާ ބުނީ އެ މައުލޫމާތު އޭނާއާ ހިއްސާކޮށްފައިވަނީ ބާސާގައި މަސައްކަތްކުރާ މެސީގެ ވަރަށް ގާތް މީހަކު ކަމަށާއި މެސީގެ އެ ނިންމުން ނިންމި ސަބަބަކީ ބާސާއާއެކު ކާމިޔާބު ކުރިމަގެއް ނެތުމުން ކަމަށެވެ.

މިސީޒަނުގައި ބާސާއާއެކު ސްޕެނިޝް ލަލީގާ އަދި ޗެމްޕިއަންސް ލީގުގެ ތަށި ހޯދިފައިނުވާ މެސީ ގެންދިއުމަށް މަސައްކަތްކުރާ ކްލަބުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ އިންޓަ މިލާން އަދި ޕީއެސްޖީ ހިމެނެއެވެ.

މިސީޒަން ނިމުމުން މެސީ އެހެން ކްލަބަކާ ގުޅެން ނިންމައިފި ނަމަ، ބަޔާން އަތުން 8-2ގެ ނަތީޖާއަކުން ބަލިވި މެޗު ވެގެންދާނީ ބާސާގެ ޖާޒީގައި އޭނާ ކުޅުނު އެންމެ ފަހު މެޗަށެވެ. މެސީއަކީ 2001 ވަނަ އަހަރުން ފެށިގެން ބާސާގެ ޔޫތު ޓީމުތަކުން ފެށިގެން އެކްލަބަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ބާސާގެ ސީނިއާ ޓީމުން މެސީ ފުރަތަމަ ފެނިގެންދިޔައީ 2004 ވަނަ އަހަރުއެވެ. މެސީ ވަނީ އެ ކްލަބަށް މިހާތަނަށް 669 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އާޖެންޓީނާ ތަރި މެސީއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މެސީ ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަ ފަހަރަށް ހޯދައިފައެވެ. މެސީއާ އެންމެ ގާތުން އެ އެވޯޑު ހޯދާފައިވަނީ އޭނާގެ ޒަމާންވީ ވާދަވެރިޔާ، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ އެ އެވޯޑު ފަސް ފަހަރު ހޯދައިފައެވެ.