އިނގިރޭސިވިލާތުގެ ކާމިޔާބު ކްލަބު މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ސްޕެއިންގެ ސެވިއްޔާ އިން ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޖަރުމަނުގެ ރެއިންއެނާޖީ ސްޓޭޑިއޯންގައި ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ޔުނައިޓެޑް އަތުން ސެވިއްޔާ މޮޅުވީ ފަހަތުން އަރައި 2-1ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ނުވަވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ހޯދީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޔުނައިޓެޑަށް އެ ޕެނަލްޓީ ލިބުނީ ސެވިއްޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޔުނައިޓެޑުގެ މާކަސް ރަޝްފާޑަށް ޑިއޭގޯ ކާލޯސް ކުރި ފައުލަކާ ގުޅިގެންނެވެ. ޔުނައިޓެޑަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒްއެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ސެވިއްޔާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ސާޖިއޯ ރެގުއިލޯން ދިން ބޯޅައަކުން ސެވިއްޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ސޫސޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލުން ލީޑު ހޯދުމަށް ޔުނައިޓެޑަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 39 ވަނަ މިނެޓުގައި ޔުނައިޓެޑުގެ އިނގިރޭސި ފޯވަޑް ރަޝްފާޑަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި އެ ހަމަލާ، ސެވިއްޔާގެ ގޯލްކީޕަރު ޔަސީން ބޮއުނޫ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔުނައިޓެޑަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ޔުނައިޓެޑުގެ ޒުވާން ފޯވަޑް މޭސަން ގްރީންވުޑް އާއި އެންތޮނީ މާޝިއަލްއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ގްރީންވުޑް އަދި މާޝިއަލް ފޮނުވާލި ހަމަލާ ވެސް ސެވިއްޔާގެ ކީޕަރު ބޮއުނޫ ވަނީ މަތަކޮށްފައެވެ.
ޔުނައިޓެޑުން ވަރުގަދަ ކުޅުމެއް ދައްކަމުންދަނިކޮށް، މެޗުގެ 78 ވަނަ މިނެޓުގައި ސެވިއްޔާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ހެސުސް ނަވާސް ދިން ބޯޅައަކުން ސެވިއްޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނެދަލެންޑްސް ފޯވަޑް ލޫކް ޑި ޔޮންގްއެވެ. ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑި ޔޮންގްއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.
މެޗުގެ އެންމެ ފަހު މިނެޓުގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ދެވަނަ ހާފުގައި ކުޅެން ނުކުތް ޔުނައިޓެޑުގެ ވޭލްސް މިޑްފީލްޑަރު ޑެނިއަލް ޖޭމްސްއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފިފައެއް ނުވެއެވެ.
މިއީ ޔޫރޮޕާ ލީގުގެ ފައިނަލުން ސެވިއްޔާ ޖާގަ ހޯދި ހަވަނަ ފަހަރެވެ. މީގެ ކުރިން ފައިނަލުގައި ވާދަކުރި ފަސް ފަހަރު ވެސް ސެވިއްޔާ އިން ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ. އެއީ 2006، 2007، 2014، 2015 އަދި 2016 ވަނަ އަހަރުއެވެ.
ކޮވިޑާ ގުޅިގެން މެދުކަނޑާލި މުބާރާތްތަކުގެ ތެރޭގައި ޔޫރޮޕާ ލީގު ވެސް ހިމެނެއެވެ. ކޮވިޑުގެ ހާލަތުގެ ކުރިން މުބާރާތުގެ ފޯމެޓުގައިވާ ގޮތުން ސެމީ ފައިނަލާ ހަމައަށް ދެ ލެގު ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް، މިސީޒަނުގައި ކުއާޓާ ފައިނަލުން ފެށިގެން ކުޅުމަށް ހަމަޖައްސާފައިވަނީ އެއް ލެގެވެ. އަދި ކުއާޓާ ފައިނަލުން ފެށިގެން މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގައެވެ.
މިމަހުގެ 21 ވަނަ ދުވަހު ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލުގައި ސެވިއްޔާ ނުކުންނަން ޖެހޭނީ މާދަމާ ރޭ 12:00ގައި އިޓަލީގެ އިންޓަ މިލާނާއި ޔޫކްރޭނުގެ ޝަހްތާރު ޑޮނެކްސް ބައްދަލުކުރާ ސެމީ ފައިނަލުގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު