މިދިޔަ 24 ގަޑިއިރު ތެރޭ 106 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 5785 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 79 ދިވެއްސަކާއި ބަންގުލަދޭޝްގެ 21 މީހަކާއި އިންޑިއާގެ ފަސް މީހަކާއި ނޭޕާލުގެ މީހެއް ކަމަށެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑަށް ފެނުނު 106 ޕޮޒިޓިވް ކޭސްގެ ތެރެއިން 99 ކޭސްއެއް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އަނެއް ހަތް ކޭސްއަކީ ރަށްރަށުން ފެނުނު ކޭސްތަކެވެ. އެ ކޭސްތައް ފެނިފައިވަނީ ނ. މިލަދޫ، އދ. މާމިގިލި، ކ. ހިންމަފުށި، ފ. ނިލަންދޫ އަދި ރ. ހުޅުދުއްފާރު އަދި އައްޑޫ ސިޓީ ހިތަދޫ އިންއެވެ. އޭގެ ތެރެއިން ހުޅުއްދުއްފާރުން ދެ މީހަކު ޕޮޒިޓިވްވިއެވެ. ރަށްތަކުން ޕޮޒިޓިވްވި އެންމެންނަކީ ވެސް މާލެއިން ގޮސް ހޯމް ކަރަންޓީނު ފުރިހަމަކުރަމުންދިޔަ މީހުންނެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 141 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 3349 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2414 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1481 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 146 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 22 މީހަކު ވަނީ މަރުވެފައެވެ. އެއީ 17 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.