ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން އެ ފަރާތްތަކާ ފޯނުން ގުޅައި ކަށަވަރުކުރުމުގެ މަސައްކަތްތަކުގެ ދަށުން ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރަށް ނުގުޅޭ ބައެއް މީހުންގެ ނަންތައް ރައީސް އޮފީހުން އާންމުކޮށްފިއެވެ.

މީގެ ކުރިން ރައީސް އޮފީހުން ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި H4 ،H5 ،H6 ، H8 އަދި H10 މި ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރަށް ނުގުޅުނު މީހުންގެ ނަންތައް އާންމުކޮށްފައެވެ.

ރައީސް އޮފީހުން މިއަދު އާންމުކޮށްފައިވަނީ H9 އާއި H11 މި ދެ ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަންބަރަށް ނުގުޅުނު މީހުންގެ ނަންތަކެވެ. ނުގުޅުނު 102 މީހެއްގެ ނަން މިހާރު ވަނީ ގެޒެޓުކޮށްފައެވެ. އެގޮތުން އެމީހުންގެ ނަންތައް https://gazette.gov.mv/iulaan/view/132369 ލިންކުގައިވާ އިއުލާނާއެކު ފެންނާނެއެވެ.

މީގެ އިތުރުން ރައީސް އޮފީހުން ބުނީ، އެ މީހުންނަށް ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާކަން ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ފާހަގަކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުން މިމަހުގެ 23 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން https://hcc.presidency.gov.mv މި ލިންކުގައިވާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އެދޭ ކަމަށެވެ.