ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުގެނެސް އެފަރާތްތަކަށް ލިބެން ޖެހޭ ހައްގު ދިނުމަށްޓަކައި ސަރުކާރާއި ވުޒާރާތައް ބޭނުންކޮށްގެން މަސްވެރިންނަށް ހައްގުވާ ފައިސާ ވަގުތުން ވަގުތަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ޖާބިރު މަޖިލީހަށް ފޮނުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދީ އެއް ސިނާއަތަކީ މަސްވެރިކަން ކަމަށްވާއިރު މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދީ މަސްވެރިންނަށް ލިބެން ޖެހޭ ފައިސާގެ ބަދަލުގައި ފައިސާ ރަސީދު ދީ އެތައް ދުވަހަކު މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުދީ ހިފަހައްޓަމުންދާ ކަމަށެވެ.

"ދިވެހި މަސްވެރިން އާމްދަނީ ހޯދަން އެދަނީ ޅ.އަތޮޅަށް މަސް ކިރުމުގައި އެފަރާތްތަކަށް އެވަގުތު ދޭ ފައިސާގެ ރަސީދު ހިފައިގެން ލ.އަތޮޅަށް ގޮސް އަމިއްލަ ޖީބުގައި ހުރި ފައިސާއިން އައިސް ގަނެގެން،" ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ ސަބަބުން އިގްތިސޯދަށް އައި ކުއްލި ލޮޅުމާ ގުޅިގެން ލިބުނު ގެއްލުންތަކާ ގުޅިގެންވެސް މަސްވެރި އާއިލާތަަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޖާބިރު ފާހަގަކުރައްވާފައި ވެއެވެ.

ޖާބިރު ވިދާޅުވެފައިވަނީ، ސަރުކާރުން ޗައިނާއާ އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން މަސްވެރިންނަށް ލިބިދޭން ޖެހޭ މަންފާތައް ހިފަހައްޓައި މަސްވެރިކަމުގެ ދޮރުތައް ބަންދުކޮށް މިސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި މަސްވެރިން މަގުމަތިކޮށް ނިކަމެތިކުރަމުންދާ ކަމަށެވެ.

މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން، ހައްލު ގެނެސް އެފަރާތްތަކަށް ލިބެން ޖެހޭ ހައްގު ދިނުމަށް ގޮވާލާކަމަށްވެސް ޖާބިރުގެ ކުއްލި މައްސަލައިގައި ވެއެވެ.