ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން ޕްރޮޖެކްޓް ސައިޓް ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި ހެލްތު މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއަކީ 33.5 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އަދި އެ މަޝްރޫއުގެ ސަބަބުން ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށެވެ.
އެގޮތުން އެ މަޝްރޫއުގެ ދަށުން އޯޕީޑީ ސަރަހައްދާއި، އިމަޖެންސީ ރޫމާއި، ލޭބާ ރޫމްގެ އިތުރުން ޕްރައިވެޓް ރޫމްތައް ހުންނަ އިމާރާތް ބޮޑުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މިހާރު ސައިޓް "ކްލިއާ" ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިދިޔަ އަހަރު މާޗް މަހު ތެރޭ ހެލްތު މިިނިސްޓްރީން ވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ނިންމައިފައެވެ. އަދި އެ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ ހިދުމަތް ގާއިމުކުރުމަށް އާ އިމާރާތެއް އެޅުމަށް ހެލްތު މިނިސްޓްރީން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު