ރާއްޖޭގެ ކޯޓުތައް ޑިޖިޓަލައިޒް ކުރެވިގެން މެނުވީ އަވަސް ޝަރީއަތްތަކެއް ނުކުރެވޭނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސާ، އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ، ޖުޑީޝަރީ އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވިފައިވާ ކަމަށެވެ. ރާއްޖޭގެ ޝަރުއީ ނިޒާމަކީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިފައިވާ ތަނަކަށް ހެދުމަށް ޖޭއެސްސީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ހިސާން ވިދާޅުވީ ޝަރީއަތްތައް އަވަސްކުރުމަށް ކުރެވޭ އެންމެ މުހިންމު މަސައްކަތަކީ ކޯޓުތައް ޑިޖިޓަލައިޒް ކުރުން ކަމަށާއި އެގޮތުން ކޮވިޑުގެ ހާލަތު އައުމާ ހަމަޔަށް ރާއްޖޭގެ 194 ކޯޓެއްގައި ހުރި 226 ކޯޓު ރޫމަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައިވާނެ ކަމަށެވެ.

"ކޯޓުތައް ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމް އަޅުގަނޑުމެން ފަށާފަ މިވަނީ، ކޮވިޑް 19ގެ މި ސިޗުއޭޝަން އައުމުގެ ކުރިން. އަޅުގަނޑުމެން މިދިޔަ އަހަރުގެ ފަހުކޮޅު ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހަގީގަތުގައި މި މަސައްކަތް އޮތީ ފަށާފަ. އެގޮތުން މި ކޮވިޑް ސިޗުއޭޝަންއާ ހަމައަށް އައިއިރު، ދިވެހިރާއްޖޭގެ 251 ކޯޓު ރޫމް، އެއީ 194 ކޯޓެއްގައި، އެތަނުން 226 ކޯޓު ރޫމަކަށް ބޭނުންވާ ތަކެތި ހަމަކުރެވި މިވަނީ ރަށްރަށަށް ފޮނުވިފަ. އޭގެ މާނައަކީ 226 ކޯޓު ރޫމް ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ ތަކެތި އަޅުގަނޑުމެން އެރަށްރަށަށް ފޮނުވާ ނިންމިފަ ހުއްޓާ މި ސިޗުއޭޝަން މިއައީ" ހިސާން ވިދާޅުވިއެވެ.

މީގެ އިތުރުން ހިސާން ވިދާޅުވީ، މިއަހަރު އަދި އިތުރު ކޯޓުތަކެއް ޑިޖިޓަލައިޒް ކޮށް ނިންމާނެ ކަމަށާއި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ވެބް ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގެން ފެށުމުން ނޫނީ ޝަރީއަތްތައް އަވަސް މިނެއްގައި ކުރިއަށް ނުދާނެ ކަމަށެވެ.

"ޑިޖިޓަލައިޒް ޕްރޮގްރާމްގެ ތެރެއިން މިދެންނެވިހެން އަޅުގަނޑުމެން އަދި އިތުރު ކޯޓުތަކެއް އެބަހުރި މިއަހަރު ނިމެންވާއިރަށް އަޅުގަނޑުމެން އެ ޕްރޮގްރާމް ނިންމާލާނެ. ޖަޒީރާވަންތަ ގައުމެއްގައި ޑިޖިޓަލައިޒްކޮށް ވެބް ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގެން ފެށުމުން މެނުވީ ހަގީގަތުގައި އަޅުގަނޑުމެންނަކަށް އިފެކްޓިވްކޮށް އަވަސް މިނެއްގައި ޝަރީއަތްތަކެއް ނުކުރެވޭނެ." ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ވެބް ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ނުގެންދެވޭނެ ބައެއް ހާލަތްތަކާއި ވެބް ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދާއިރު ހަސްމުގެ ހުއްދަ ހޯދަން ޖެހޭނެ ހާލަތްތައް ގާނޫނުގައި އެބަހުރި ކަމަށެވެ. ނަމަވެސް އެކަންތައްތައް ފިޔަވައި ދެން ހުރި މައްސަލަތައް ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"މިކަން މިގޮތަށް ކުރެވެން ފެށުމުން ޝަރީއަތްތައް އަވަސްވެ، މާލީ ގޮތުންވެސް ފައިދާތަކެއް ވެގެންދާނެ" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ރާއްޖޭގެ ބައެއް ކޯޓުތަކުގައި މިހާރުވެސް ވެބް ކޮންފަރެންސްކޮށް ޝަރީއަތްތައް ބާއްވަމުން އަންނަ ކަމަށެވެ. ސްޕްރީމް ކޯޓުން އެ ކޯޓުގެ އަޑުއެހުންތައް ލައިވް ސްޓްރީމް ކުރަން ފަށާފައިވާކަން ފާހަގަކޮށް އޭނާ ވިދާޅުވީ، އެއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި ސްޕްރީމް ކޯޓުގެ އެ އިސްނެގުމުގެ ދަށުން އެހެން ކޯޓުތަކުންވެސް އަޑުއެހުންތައް ލައިވް ސްޓްރީމް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތަށް ކަންތައްވުމުން، ޝަރީއަތްތަކާ މެދު އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.