މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ހިޔާނާތުގެ ދެ ދާއުވާގެ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަކީލުންނާ އެކަހެރި ކޮށް ބައްދަލުވުމުގެ ފުރުސަތު ރައީސް ޔާމީނަށް ދިނުމަށް އަމުރުކޮށް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ނިންމާލައިފި އެވެ.
މިއީ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެކަމާބެހޭ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމެކެވެ.
މިއަދުގެ އަޑުއެހުމުގައިވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ވަނީ ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށާއި މައްސަލައާބެހޭ ލިޔުންތައްވެސް ނުލިބޭކަން ތަކުރާރުކޮށް ފާހަގަކުރައްވައިފައެވެ.
މިއަދުގެ އަޑުއެހުމުގައި ޖަލުގައި ހުންނަވައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ރައީސް ޔާމީން ވިދާޅުވީ ދައުވާއާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ލިބިވަޑައިގެންފައިނުވާ ކަމަށެވެ. އެ ދައުވާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެއްނެތި ވަކި އެއްޗެއް ވިދާޅުވާން ދަތިފުޅު ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މައްސަލައާބެހޭ ލިޔެކިޔުންތައް ދައުލަތުން އެމަނިކުފާނުގެ ވަކީލުންނާ ހަވާލު ކުރެއްވި ނަމަވެސް އެމަނިކުފާނާ ވަކީލުން ބައްދަލު ނުވާތާ ދޮޅުމަސް ވެފައިވާތީ އެއްވެސް ލިޔެކިޔުމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އެކަމާ ގުޅިގެން ދައުލަތުގެ ވަކީލުން ވިދާޅުވީ މިދިޔަ ޖޫން މަހުގެ 28 އާއި މި މަހުގެ 15 ވަނަ ދުވަހާ ދެމެދު ރައީސް ޔާމީންގެ ވަކީލުން އެމަނިކުފާނާ ބައްދަލު ކުރައްވަން އެދިވަޑައިގެންފައި ވަނީ އެންމެ ފަހަރަކު ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށެވެ. އެއީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ. އެ ކަމާބެހޭ ލިޔުންތައް ރައީސް ޔާމީންގެ ވަކީލުންނާ ހަވާލު ކޮށްފައިވާ ކަމަށާއި އޭގެ އިތުރުން އިތުރުން އިތުރު ލިޔުންތަކެއް ހިމެނޭތީ އެތަކެތި ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ދައުލަތުން ބުނާ އިތުރު ލިޔުންތައް ލިބިގެން ނޫނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ވަކީލުންނަށް ރައީސް ޔާމީނާ ބައްދަލު ނުކުރެވެނީސް އަޑުއެހުން ކުރިއަށް ގެންދަން ދެކޮޅު ހައްދަވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
އޭގެފަހުން އިތުރު ވާހަކަ ނުދެއްކެވުމުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވަން އިންނެވި ގާޒީ އަހުމަދު ޝަކީލް ޖަމީލަށް އަންގަވައި އޭނާގެ ވާހަކަ ހުއްޓުވިއެވެ.
އެއަށްފަހު ގާޒީ ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި ރައީސް ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުވެފައި ނުވާކަން ދެ ފަރާތުގެ ވާހަކަތަކުން އެނގޭ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނާ ބައްދަލުކުރުމުގެ ފުރުސަތު ގާނޫނީ ވަކީލުންނަށް ދިނުމަށް ކަރެކްޝަނަލް ސާވިސްއަށް އަންގަވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމާބެހޭ އަމުރެއް ކޯޓުން ނެރުއްވާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތް ނިންމަވައިލައްވަމުން ގާޒީ ވިދާޅުވީ މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ ދައުލަތުގެ ލިޔުންތައް މައްސަލަ ރައްދުވާ ފަރާތަށް ރައްދުކުރުމަށްފަހު 10 ދުވަހާއި 15 ދުވާހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު