ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 198 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 198 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 3208 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 107 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 73 ދިވެއްސަކާއި ބަންގުލަދޭޝްގެ 29 މީހަކާއި އިންޑިއާގެ ތިން މީހަކާއި ފިލިޕީންސްގެ މީހަކާއި ސްރީލަންކާގެ މީހެކެވެ.

މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 5679 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 1518 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 146 މީހަކު އެބަ ތިއްބެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ގިނަ ދުވަސްތަކުގައި 100 އިން މަތީގައި އުޅުނު ނަމަވެސް، އިއްޔެ ޕޮޒިޓިވްވެފައިވަނީ 78 މީހެކެވެ. ނަމަވެސް އަނެއްކާވެސް މިއަދު މިވަނީ ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 22 މީހަކު ވަނީ މަރުވެފައެވެ. އެއީ 16 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 15 ދިވެއްސަކު ހިމެނެއެވެ.