ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތެއް ހަމަނުޖައްސައި ކުރިމިނަލް ކޯޓުގައި ދެ ޝަރީއަތެއް ތާވަަލުކުރުމަކީ އެމަނިކުފާނަށް ދޭ އަނިޔާއެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން މިފަދައިން ބުނެފައިވަނީ ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުން މާދަމާ ކުރިމިނަލް ކޯޓުގައި ތާވަލުކުރުމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.
ނޫސް ބަޔާނުގައި އެ ކޯލިޝަނުން ބުނީ، ރައީސް ޔާމީނަށް ވަކީލުންނާ ބައްދަލުނުކުރެވޭ ވާހަކަ ހައިކޯޓުގައި ފާހަގަކުރުމުން އެކަން ހަމަޖައްސައިދިނުމަށް ހައިކޯޓުން އެންގިތާ މަހަކަށްވުރެ ގިނަ ދުވަސް ވެގެންގޮސްފައިވާ އިރުވެސް އެކަން ހަމަޖައްސާފައިދީފައި ނުވާ ކަމަށެވެ.
"..، އެ އިންތިޒާމުތައް ހަމަޖައްސަވައިދީފައި ނުވާތީ އެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވުން އެދި މި ކޯލިޝަންގެ ފަރާތުން ވާނީ 13 އޮގަސްޓް 2020ގައި ހޯމް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަރިހުންވެސް އެދިފައެވެ. އެހެންނަމަވެސް އެކަން ހަމަޖައްސައިނުދެއްވައި، ކްރިިމިނަލް ކޯޓުގައި މައްސަލައެއް ތާވަލުކުރުމަކީ އެމަނިކުފާނަށް އަމާޒުކުރެވިގެން ހިންގާ ސިޔާސީ ހަރަކާތެއްކަމުގައި މި ކޯލިޝަނުން ގަބޫލު ކުރަމެވެ. އަދި އެއީ އެމަނިކުފާނަށް އަނިޔާވެރިވުންކަމުގައިވެސް މި ކޯލިޝަނުން ގަބޫލު ކުރަމެވެ..،" އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ކޯލިޝަނުން ބުނީ، ރައީސް ޔާމީނުގެ މައްޗަށް ދައުވާ އުފުލުމާއި، އެމަނިކުފާނުގެ މައްޗަށް ޝަރީއަތްކުރުމުގައިވެސް ހަމަހަމަކަމާއި އިންސާފު އިސްކޮށް، އަނިޔާވެރިވުމަށް ފުރުސަތެއް ނޯންނާނެ ގޮތަށް ގާނޫނު އަސާސީން އެންމެނަށް ލިބޭ ހަމަހަމަކަން ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށެވެ.
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ގެންދިއުމުގެ ކުރިން ގާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުވާ ވަކީލަކު ލިބުމުގެ ހައްގު ރައީސް ޔާމީނަށް ފޯރުކޮށްދިނުމަށް އެކޯލިޝަނުން ގޮވާލާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު