ހއ. ކެލާއިން ކޮވިޑް 19އަށް ޕޮޒިޓިވްވި ހުރިހާ އެންމެން ބަލިން ފަސޭހަވެއްޖެއެވެ.

ކެލާއިން ކޮވިޑް ޕޮޒިޓިވް މީހެއް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެރަށާ މޭލެއާ ދެމެދު ދަތުރުކުރާ ބޯޓެއް ކަމަށްވާ "ސަވާރީ"ގެ ފަޅުވެރިއެކެވެ. އޭގެ ފަހުން އިތުރު ނުވަ މީހަކު އެރަށުން ޕޮޒިޓިވްވެފައިވެއެވެ. އެމީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ކެލާއިން ޕޮޒިޓިވްވި މީހުން ޕޮޒިޓިވްވި ފަހުން 14 ދުވަސް ހަމަވެފައިވާ ނަމަ އެމީހުން މިހާރު ވާނީ ބަލިން ފަސޭހަވެފައި ކަމަށެވެ. އަދި އެރަށުން ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން އިތުރު ކޮމްޕްލިކޭޝަންތަކެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި، އެރަށުގައި އެއްވެސް މީހަކު މިވަގުތު ކަރަންޓީނުގައެއް ނެތެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު އަމަލު ކުރާ އުސޫލުގައިވާ ގޮތުން ބައްޔަށް ޕޮޒިޓިވްވުމަށްފަހު 14 ދުވަސް ފަހުން އެމީހާ ދޫކޮށްލާއިރު އިތުރު ސާމްޕަލްއެއް ނުނަގާނެއެވެ. އަދި ކޮވިޑު ޖެހުމަށްފަހު ފަސޭހަވި ކަމަށް ނިންމަނީ އަލާމާތްތައް ފަސޭހަވުމަށްފަހު އިތުރު ތިން ދުވަހަށް ބެލުމަށްފަހު އަލާމާތެއް ނުފެންނަ ނަމައެވެ. އެއްވެސް އަލާމާތެއް ނުފެންނަ މީހުން ބަލިން ރަނގަޅުވި ކަމަށް ނިންމަނީ 14 ދުވަސް ހަމަވުމުންނެވެ. އެއީ ކޮވިޑްގެ އިންކިއުބޭޝަން ޕީރިއަޑް ނުވަތަ އެކަކު ގައިން އަނެކެއްގެ ގަޔަށް ބަލި ފެތުރޭ ދުވަސްވަރު ކަމަށް ޑޮކްޓަރުން ވިދާޅުވާ ދިހަ ދުވަހުގެ މުއްދަތު ހަމަކޮށް، އިތުރު ހަތަރު ދުވަސް ފަހުންނެވެ.

ރާއްޖޭގައި ކޮވިޑް 19 ވައިރަސް ޖެހި އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 5،572 އަށް އަރައިފައެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 3،010 އެވެ. އޭގެ ތެރޭގައި އިއްޔެ ބަލިން ރަނގަޅުވި 90 މީހުން ހިމެނެއެވެ.