އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމާއެކު މި ސަރަހައްދަށް އިތުރު ތަރައްގީ ގެނެވޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިފަދައިން ވިދާޅުވީ އިިންޑިއާގެ 74 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން، ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއް ރީޓުވީޓު ކުރައްވައެވެ.
ރައީސްގެ ޓުވީޓުގައި ވިދާޅުވީ އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށާއި އެގައުމުގެ ރައްޔިތުންނަށް ދަންނަވާ ކަމަށެވެ.
މި ޓުވީޓުގައި ރައީސް ސޯލިހު ވިދާޅުވީ އިންޑިއާގެ ޑިމޮކްރަސީގައި ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ހަމަތަކާއި އެގައުމުން ދުނިޔޭގެ ސުލްހަވެރިކަމަށާއި ކުރިއެރުމަށް ކުރާ މަސައްކަތަކީ ދުނިޔެއަށް ލިބިފައިވާ އުންމީދެއް ކަމަށެވެ.
ރައީސްގެ ޓުވީޓު ރީޓުވީޓު ކުރައްވައި ބޮޑުވަޒީރު މޯދީ ވިދާޅުވީ، އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ދެއްކެވި ވާހަކަފުޅުތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އޮންނަ އެކުވެރިކަން އަބަދުވެސް އޮންނާނެ ކަމަށާއި، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް އެކުވެރިކަމާއެކު މި ސަރަހައްދަށް އިތުރު ތަރައްގީ ގެނެވޭނެ ކަަމަށްވެސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި ނަމަވެސް މި ސަރުކާރު އައި ފަހުން އިންޑިއާއާ އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ވެފައެވެ. އެގޮތުން ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިންޑިއާއަށް ރަސްމީ ދެ ދަތުރުފުޅެއް ކުރައްވައިފައިވާއިރު އިންޑިއާގެ ބޮޑުވަޒީރު މޯދީ ވެސް ވަނީ ރާއްޖެއަށް ދެ ދަތުރުފުޅެއް ކުރައްވައިފައެވެ.
އިންޑިއާގެ މިނިވަން ދުވަހަކީ އޯގަސްޓް 15 އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު