ހއ. ހޯރަފުށީ އެއާޕޯޓް ތަރައްގީކުރަން ތާރު އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި ހޯރަފުށީ އެއާޕޯޓް ތަރައްގީ ކުރުމަށް ތާރު އެޅުމަށް ބޭނުންވާ ކޮމްޕެކްޓާ، ޑަބަލް ޑްރަމް އަދި އެހެނިހެން ސާމާނު ހޯރަފުއްޓަށް ގެންގޮސްފައިވަނީ އިއްޔެ އެވެ.

ކޮވިޑް 19ގެ ސަބަބުން މި މަޝްރޫއުގެ ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރިކަމަށް އެމްޓީސީސީން ފާހަގަ ކުރެއެވެ. ނަމަވެސް މިހާރު މި މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށާއި އޮކްޓޯބަރު މަހުގެ ނިޔަލަށް މި މަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ހޯރަފުށީ އެއާޕޯޓުގައި އެޅުމަށް ނިންމާފައިވަނީ 1200 މީޓަރުގެ ރަންވޭއެކެވެ. މީގެ އިތުރުން 8635 ސްކޮޔާ މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއްގެ އިތުރުން ސާވިސް މަގުތައް، 9473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއެއް މި މަޝްރޫއުގެ ދަށުން ހަދާނެ ކަމަށް އެމްޓީސީސިން ބުނެއެވެ. އަދި މި މަޝްރޫއުގެ ދަށުން 1718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގެއް ހެދުމުގެ އިތުރުން 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖަހާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ވަނީ މި ޕްރޮޖެކްޓުގެ ދަށުން ހޯރަފުށީގައި 842،200 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކައި ނިންމާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކަމަށް ބުނެފައެވެ. އަދި 1120 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްގެ މަސައްކަތް މި އަހަރުގެ މާޗް މަހުގައި ނިންމާފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.