ކޮވިޑަށް ޕޮޒިޓިވް މީހަކާ ކޮންޓެކްޓްވެގެން ހޯމް ކަރަންޓީންވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެ މީހަކާ ކޮންޓެކްޓްވެފައިވާތީ، ގައިޑްލައިނާ އެއްގޮތަށް ހޯމް ކަރަންޓީންވެފައިވާ ކަމަށެވެ.

"ހާލު ރަނގަޅު، ސިލްސިލާކޮށް ބާއްވާ ޕްރެސްތަކުގައި ގޭގައި ހުރެގެން ބައިވެރިވާނަން،" ނަޒްލާ ވިދާޅުވެފައިވެ އެވެ.

އެޗްއީއޯސީގެ ތަރުޖަމާނަކަށް ޑރ. ނަޒްލާ ހަމަޖެއްސީ މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެއީ ޖޫން މަހުގެ އެކަކުން ފެށިގެން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އުވާލައި، އެ ސެންޓަރުގެ މަސައްކަތް އެޗްއީއޯސީގެ ދަށަށް ބަދަލުކުރުމުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ 78 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 5572 އަށް އަރައިފި އެވެ. އޭގެ ތެރޭގައި 46 ދިވެހިން ހިމެނެ އެވެ.

ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެބަލިން 90 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ އަދަދު 3010 އަށް އަރައިފަ އެވެ.