އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލުގެ އިތުބާރު ނެތް ކަމުގެ މައްސަލައާއެކު އެމްޑީޕީގެ އެތެރޭގައި މިހާރު ހިންގަމުންދަނީ ބަޣާވާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރީކޯ މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ބަޣާވާތް ކުރުމުން ބާޣީއަކަށް ވާނީ ވަކި މީހެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ނެގުމަށް މަސައްކަތް ފަށަން ޖެހޭނީ ޕާޓީގެ ގައުމީ މަޖިލީހުން އެގޮތަށް އިގުރާރުވުމަށްފަހު، ޕާލިއަމެންޓް ގްރޫޕަށް ރަސްމީކޮށް އަންގާފަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އެމްޑީޕީގައި ތި ހިންގަނީ އެތެރޭގެ ބަޣާވާތެއް،" ރީކޯ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް އިސްވެ ތިއްބަވައިގެން މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ކަންތަކުގައި އުޅުއްވާއިރު، އެކަމާ ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންގެ އިތުރުން ކެބިނެޓް މިނިސްޓަރުން ވެސް ވަނީ ނުކުންނަވައިފަ އެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ގެންދަވަނީ ފައްޔާޒަށާއި އޭނާގެ ދިފާއުގައި ނުކުތް ބޭފުޅުންނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލިހުގެ ވަޓްސްއެޕް ގްރޫޕްގައި ރޮޒެއިނާ އަށް ފާޑު ވިދާޅުވެ، ނަޝީދު ވަނީ ރޮޒެއިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ނުޖެހޭނެ ކަމަށާއި އެއީ ކަށަވަރު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ފައްޔާޒުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ 30 މެންބަރުން ބުނުމުން ދެން ދިމާކުރަންވީ މެންބަރުންނަކާ ނޫން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ކެބިނެޓު މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެންބަރުންގެ ސޮއި ލިބިގެންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިފަދަ ހުށަހެޅުމަކާމެދު މަޖިލީހުގައި ބަހުސް ފެށުމުގެ ކުރިން އެ ވަޒީރަކަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހެނޭ ކަމަށް ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައި ބުނެއެވެ.
ފައްޔާޒުގެ އިތުބާރު ނެތް މައްސަލަ ވެއްދުމަށް ނަޝީދު މަސައްކަތްކުރައްވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު