ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ ހިލާފުވެގެން އައްޑޫ ސިޓީ ފޭދޫން އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 35 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ ކޮންކަމަކާ ގުޅިގެން ކަމެއް އަދި އެ މައްސަލައާގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވާ ބައެއް މީހުން ކޯޓު އަމުރެއްގެ ދަށުން މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވެ އެވެ. އެގޮތުން މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން ރ. ހުޅުދުއްފާރަށް ދިޔަ މީހަކު ކަރަންޓީނުގެ އުސޫލުތަކާ ހިލާފުވެގެން ވަނީ ހައްޔަރުކޮށްފަ އެވެ.