ފުރައްސާރަ ކުރިޔަސް ބުނަންޖެހޭ އެއްޗެއް ބުނާނެ ކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ހޫނު ރައްދެއް ރައީސް މުހައްމަދު ނަޝީދަށް ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް އިސްވެ ތިއްބަވައިގެން މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ކަންތަކުގައި އުޅުއްވާއިރު، އެކަމާ ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންގެ އިތުރުން ކެބިނެޓް މިނިސްޓަރުން ވެސް ނުކުންނަވާފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ގެންދަވަނީ ފައްޔާޒަށާއި އޭނާގެ ދިފާއުގައި ނުކުތް ބޭފުޅުންނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލިހުގެ ވަޓްސްއެޕް ގްރޫޕްގައި ރޮޒެއިނާ އަށް ފާޑު ވިދާޅުވެ، ނަޝީދު ވަނީ ރޮޒެއިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ނުޖެހޭނެ ކަމަށާއި އެއީ ކަށަވަރު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ފައްޔާޒުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ 30 މެންބަރުން ބުނުމުން ދެން ދިމާކުރަންވީ މެންބަރުންނަކާ ނޫން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ އެވާހަކަތަކަށް ރައްދު ދެއްވައި ރޮޒެއިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "ޔެސް ބޮސް" ކިޔަން ދަސްވެފައި ނެތުމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަށް އޭނާއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ކަމަށެވެ.
"މިހެން މިކަން އޮތަސް، ފުރައްސާރަ ކުރިޔަސް، ބުނަންޖެހޭ އެއްވެސް ސާބިތުކަމާއެކު ހަމަ ބުނަމުން ދާނީ. ވާއެއްޗެއް ވާނެ،" ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދު ކުރައްވާ ކޮންމެ ގައުމަށް ފައިދާ ހުރި ރަނގަޅު ކަމެއްގައި އެމަނިކުފާނުގެ ފަހަތުގައި އެންމެ ގާތުން މަސައްކަތް ކޮށްދޭން ހުންނާނެ ކަމަށާއި ނަމަވެސް ޒަމީރު ގަބޫލުނުކުރާ ކަންތައްތަކުގައި ދެކޮޅު ހަދާނެ ކަމަށެވެ. އަދި އެއީ ރައީސް ނަޝީދާ އެއްވެސް ޒާތީ ކަމެއް އޮވެގެން ނޫން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި އިއްޔެ ދެކެވުނު ވާހަކަތަކެއްގެ ތެރެއިން ރައީސް ނަޝީދު ވަނީ ފައްޔާޒަށް ވެސް އިންޒާރު ދެއްވައިފަ އެވެ. އެގޮތުން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރި އެމްޑީޕީގެ މަޖިލިސް މެންބަރުންނާ ދިމާނުކުރައްވައި، ނިޒާމުގެ ތެރޭގައި އުޅުއްވުމަށް ގޮވާލެއްވި އެވެ.
ނަމަވެސް އެކަމާ ގުޅޭގޮތުން ވަޓްސްއެޕް ގްރޫޕުގައި ފައްޔާޒް ވިދާޅުވީ ނަޝީދަށް ވަރަށް އިހުތިރާމުކުރާ ކަމަށާއި ނަމަވެސް ނަޝީދު ދައްކަވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަ ތަގުދީރުގައި ލިޔެވިފައި އޮތް ގޮތަކަށް ނިމިދާނެ ކަމަށާއި ހެޔޮ ބަސް ވިދާޅުވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު