މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ހިޔާނާތުގެ ދެ ދާއުވާގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހު ފަށަން ނިންމައިފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. އެ ދައުވާތައް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.
މި ދެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވާ ގޮތުން، ރައީސް ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފަ އެވެ.
އެ މައްސަލައިގެ ތެރެއިން ޖުމްލަ 38،334،560 (ތިރީސް އަށް މިލިއަން ތިން ލައްކަ ތިރީސް ހަތަރު ހާސް ފަސް ސަތޭކަ ފަސްދޮޅަސް) އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.
އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 (އެއް މިލިއަން ތިން ލައްކަ ސާޅީސް ނުވަ ހާސް އަށް ސަތޭކަ އަށްޑިހަ ފަސް) އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 (ދެ މިލިއަން ދެ ލައްކަ ނުވަދިހަ ފަސް ހާސް ދުއިސައްތަ ފަންސާސް) އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 (ތިރީސް ހަތަރު މިލިއަން ހަ ލައްކަ އަށްޑިހަ ނުވަ ހާސް ހަތަރު ސަތޭކަ ފަންސަވީސް) އެމެރިކާ ޑޮލަރެވެ.
ރައީސް އަބްދުﷲ ޔާމީން މިހާރު ވެސް ގެންދަވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު