ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ލިރާރުގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށްޓަކައި ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުންތަކުގެ ދަށުން ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ ހަތް އެއްބަސްވުމެއްގައި، އެ އެއްބަސްވުމުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާ ނުލައި ދޫކޮށްލަން ލާޒިމުވާގޮތަށް "ޕުޓް-ރައިޓް އޮޕްޝަން" ހިމަނާފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައިގެ ތަހުގީގު ނިންމައި، އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
"އެގޮތުން، މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އާއި ކުރީގެ ޑެޕިއުޓީ މިނިސްޓާ އޮފް ޓޫރިޒަމް ހުސައިން ލިރާރު އަދި ކުރީގެ ފިިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުގެ މައްޗަށް،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ އެ ތިން މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއާއި އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 512 (ހ) ގެ ދަށުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ، ގާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދައުވާގެ އިތުރުން ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ހަތް ރަށްކަމަށްވާ ބ.ތިލަދޫ، ށ.ހުރަސްފަރު، ށ.ނާއިންފަރު، ރ.ފަސްމެންދޫ، ކ.އެނބޫދޫ ފިނޮޅު، ކ.ކޮއްދިއްޕަރުފަޅު (ދިއްދޫފިނޮޅު) އަދި ކ.ކޮއްދިއްޕަރުފަޅު (އަމީންގިރި) ގެ ތެރެއިން ތިލަދޫ ފިޔަވައި އެހެން ރަށްތައް ކުއްޔަށް ދޫކޮށްފައިވަނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ފަސްވަނަ މާއްދާގެ ދަށުން ކަމަށެވެ.
ތިލަދޫ ކުއްޔަށް ދޫކޮށްފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ އަށްވަނަ އިސްލާހު ގެނައުމުގެ ގާނޫނު އައުމުގެ ފަހުން ކަމަށެވެ. އަދި ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދޫކުރުމަށް، 04 އޮކްޓޫބަރު 2016 ގައި ފިނޭންސް މިިނިސްޓްރީއާ އަމިއްލަ ކުންފުންޏަކާއެކު ސޮއިކުރެވުނު ޖޮއިންޓު ވެންޗާ އެގްރީމެންޓުގައި "ޕުޓް-އޮޕްޝަން ރައިޓް" މާއްދާ ހިމަނާފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
"ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 08 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ގެ 05 ވަނަ މާއްދާގެ (ކ) ގެ ދަށުން ސަރުކާރަށް ލިބެނީ ސަރުކާރާއެކު ޖޮއިންޓް ވެންޗާގައި ބައިވެރިވާ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ އިހްތިޔާރުކަމާއި، ސަރުކާރުގެ ހިއްސާ އެގްރިމެންޓްގެ އަނެއް ބައިވެރިޔާއަށް އެއްވެސް އަގަކާ ނުލައި ދިނުމުގެ ބާރާއި އިހްތިޔާރު ސަރުކާރަށް ލިބިގެން ނުވާކަމާއި ސަރުކާރު ބައިވެރިވާ ޖޮއިންޓު ވެންޗާ އެގްރީމެންޓުގައި ހިމެނޭ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ ވިއްކާލުމުގެ އިހްތިޔާރު އޮތްކަމަށް ބަޔާން ކޮށްފައިވީ ނަމަވެސް، އެ މާއްދާއިން ޖޮއިންޓު ވެންޗާ އެގްރީމެންޓުގައި ހިމެނޭ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއި ނުލައި ވިއްކާލުމުގެ އިހްތިޔާރު ދީފައިނުވޭ،" އޭސީސީން ބުންނެވެ.
އޭސީސީން ބުނީ އެ ހަތް ރަށުގެ ތެރެއިން ތިލަދޫ ފިޔަވައި އެހެން ރަށްތަކަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ފަސްވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ހާލަތުގެ ދަށުން އާންމު އިއުލާނުކޮށްގެން ރަށްތައް ކުށްޔަށްދިނުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓު ވެންޗާ އެގްރީމެންޓުތަކެއްގެ ދަށުން ހަދާ ޖޮއިންޓު ވެންޗާ ކުންފުނިތަކާއެކު ލީސްއެގްރީމެންޓް ހަދައިގެން ކުއްޔަށް ދޫކޮށްފައިވާ ރަށްތަކެއް ކަމަށެވެ. އަދި އެ ރަށްތަކަށް ލީސް އެކުއިޒިޝަންގެ ގޮތުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވީ ނަމަވެސް، ޓޫރިޒަމާ ބެހޭ ގާނޫނުގައި ބަޔާންކުރާ އިސްތިސްނާ ހާލަތަކީ ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓް ވެންޗާގެ ދަށުން ޓޫރިސްޓް ރިސޯޓުތައް އޮޕަރޭޓްކުރަން ފެށުމުން ސަރުކާރަށް ލިބޭ ކުލީގެ އިތުރުން، ސަރުކާރުން ކުރާ އިންވެސްޓްމަންޓްގެ ބަދަލު ލިބިލިބި ހުރުމުގެ މުގާބިލުގައި ދެވޭ އިސްތިސްނާއެއް ކަމަށްވެސް އޭސީސީން ބުންޏެވެ.
ތިލަދޫ ފިޔަވައި އެހެން ރަށްތައް ކުއްޔަށް ދޫކުރީ ރަށުގެ ކޮންސްޓްރަކްޝަން އެންޑް ޑިވޮލޮޕްމަންޓް ފޭސް ފުރިހަމަވުމުން، ސަރުކާރު ފަސް ޕަސެންޓް ހިއްސާ ޖޮއިންޓް ވެންޗާ ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް އެއްވެސް އަގަކާ ނުލައި ބަދަލުކުރޭވޭނެ ގޮތަށް "ޕުޓް އޮޕްޝަން" ހިމަނައިގެން ކަމަށާއި އެކަމުގެ ސަބަބުން ބައެއް އިންވެސްޓަރުންނާ އެއްކޮށް ޓޫރިޒަމް މިނިސްޓްރީން މަޝްވަރާކޮށްގެން އެ މާއްދާ ހިމެނުމަށް އެއްބަސްވެގެންކަން ބައެއް ރަށްތަކަށް އިންވެސްޓަރުން ހުށަހަޅާފައިވާކަން ސިޓީތަކުން އެނގޭ ކަމަށްވެސް އޭސީސީން ބުންޏެވެ.
"ޖޮއިންޓް ވެންޗާ ކުންފުނިތަކާއެކު ސޮއިކުރެވުނު ލީސް އެގްރީމެންޓުތަކުގައި ސޮއިކުރާއިރު، ލީސް އެގްރީމެންޓުގެ ޝެޑިއުލެއްގެ ގޮތުގައި ޖޮއިންޓު ވެންޗާ އެގްރީމެންޓު ހިމަނާފައިވާތީއާއި، ލީސް އެގްރީމެންޓުތަކުގެ ޕްރީއޭމްބަލް ނުވަތަ ބެކްރައުންޑް ބައިގެ (c) އަދި (d) ގައި ވެސް ޖޮއިންޓު ވެންޗާ އެގްރީމެންޓަށް ހަވާލާދީ ޖޮއިންޓު ވެންޗާ އެގްރީމެންޓުގައި ޕުޓް އޮޕްޝަން ރައިޓް މާއްދާ ހިމަނާފައިވާކަން ބަޔާންކޮށްފައި އޮންނާތީއާއި، އިސްވެދެންނެވި އެގްރިމެންޓްތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ އޭރުގެ މިނިސްޓާ އޮފް ފިނޭންސް އެންޑް ޓްރެޝަރީ އަބްދުﷲ ޖިހާދު ކަމަށްވާތީ، އަބްދުﷲ ޖިހާދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެެ،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އަމިއްލަ ކުންފުންޏަކާއެކު ސޮއިކުރެވުނު ޖޮއިންޓު ވެންޗާ އެގްރީމެންޓުގައި އެއްވެސް އަގަކާ ނުލައި ސަރުކާރުގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކުރެވޭގޮތަށް ކުރީގެ މިނިސްޓަރު މުނައްވަރު ސޮއިކޮށްފައިވާތީ އޭނާގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
ތިލަދޫ އާއި ހުރަސްފަރު އަދި ނާއިންފަރު ކުއްޔަށް ދޫކުރުމަށް ލީސް އެގްރީމެންޓުގައި ލިރާރު ސޮއިކޮށްފައިވާތީ، އޭނާގެ މައްޗަށް ދައުވާކުރުމަށް ވެސް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު