މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާސްކު ނާޅައި އުޅުނު 53 މީހަކާއި މަނާ ގަޑީގައި ބޭރުގައި އުޅުނު 65 މީހުން ޖޫރިމަނާކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މާސްކު ނާޅައި އުޅުމުގެ ސަބަބުން މިދިޔަ 24 ގަޑިއިރު ތެރޭގައި 83 މީހަކަށް ނަސޭހަތް ދެވި، 53 މީހަކު ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މަނާ ގަޑީގައި ބޭރުގައި އުޅުނު 65 މީހެއްވެސް ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މަނާ ގަޑީގައި ބޭރުގައި އުޅުނު 96 މީހަކަށް ނަސޭހަތްދެވި 65 މީހަކު ޖޫރިމަނާ ކުރެވިފައިވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް އިތުރުވުމުން އެޗްޕީއޭއިން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅައިފައެވެ. އެގޮތުން ބަލި އޮތް ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ކުރުން ހިމެނެއެވެ. އަދި މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.