ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 36 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 36 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 2920 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 128 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 83 ދިވެއްސަކާއި ބަންގުލަދޭޝްގެ 35 މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ނޭޕާލްގެ ދެ މީހަކާއި ސްރީލަންކާގެ ހަތަރު މީހެކެވެ.

މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 5494 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 1476 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 156 މީހަކު އެބަ ތިއްބެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 100 އިން މަތީގައި އުޅުނު ނަމަވެސް، މިދިޔަ އަންގާރަ ދުވަހު ވަނީ އަދަދު ދަށްވެފައެވެ. އަންގާރަ ދުވަހު ޕޮޒިޓިވްވީ 66 މީހެކެވެ. ނަމަވެސް އިއްޔެ އާއި މިއަދު ކޭސްތަކުގެ އަދަދު މިވަނީ އަލުން 100 އިން މައްޗަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 21 މީހަކު ވަނީ މަރުވެފައެވެ. އެއީ 16 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 14 ދިވެއްސަކު ހިމެނެއެވެ.