މިދިޔަ 24 ގަޑިއިރު ތެރޭ 128 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 5494 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 83 ދިވެއްސަކާއި ބަންގުލަދޭޝްގެ 35 މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ނޭޕާލްގެ ދެ މީހަކާއި ސްރީލަންކާގެ ހަތަރު މީހެއް ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 36 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 2920 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2553 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1476 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 156 މީހަކު އެބަ ތިއްބެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 100 އިން މަތީގައި އުޅުނު ނަމަވެސް، މިދިޔަ އަންގާރަ ދުވަހު ވަނީ އަދަދު ދަށްވެފައެވެ. އަންގާރަ ދުވަހު ޕޮޒިޓިވްވީ 66 މީހެކެވެ. ނަމަވެސް އިއްޔެ އާއި މިއަދު ކޭސްތަކުގެ އަދަދު މިވަނީ އަލުން 100 އިން މައްޗަށް އަރައިފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 21 މީހަކު ވަނީ މަރުވެފައެވެ. އެއީ 16 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 14 ދިވެއްސަކު ހިމެނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު