ސަފާރީ ބޯޓުތަކުގެ ކްރޫއިންނާއި ޓޫރިސްޓުން އެއްވެސް ގޮތަކަށް މީހުން އުޅޭ ރަށްރަށަށް ނުފޭބުމާއި ރަށްރަށުން މީހުން ސަފާރީ ބޯޓުތަކަށް ނޭރުވުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިލްތިމާސްކޮށްފިއެވެ.

އެންބީއޭއެމް އިން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާއި ޓޫރިޒަމް އިންޑަސްޓްރީ ރިސްޓާޓިން ޕާމިޓާ ހިލާފަށް ސަފާރީ ބޯޓުތަކުގެ ކްރޫއިންނާއި ޓޫރިސްޓުން އެއްވެސް ގޮތަކަށް މީހުން އުޅޭ ރަށްރަށަށް ނުފޭބުމާއި ރަށްރަށުން މީހުން ބޯޓުތަކަށް ނޭރުވުމަށް އަންގާފައިވީ ނަމަވެސް ބައެއް ފަރާތްތަކުން އެކަމަށް ފުރިހަމައަށް އަމަލު ނުކުރާކަމުގެ ޝަކުވާ ބައެއް ރަށްރަށުން ލިބެމުންދާ ކަމަށެވެ.

އެންބީއޭއެމް އިން ބުނީ ރާއްޖެ ޓޫރިޒަމަށް އަލުން ހުޅުވާލެވިފައިވަނީ ވަރަށް ގިނަބައެއްގެ ބުރަ މަސައްކަތުން ކަމަށާއި މިފަދަ އަމަލުތަކުގެ ސަބަބުން މުޅި އިންޑަސްޓްރީ ބަދުނާމުވެ ދަތިތަކާ ދިމާވެދާނެ ކަމަށެވެ. އަދި ހަމަ ކޮންމެ ބޯޓަކާ ކްރޫއެއްގެ ފަހަތުގައި ފާރަވެރިއެއް ބެހެއްޓުމަކީ ނުވާނޭ ކަމެއް ކަމަށާއި މިފަދަ ކަންކަމުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުމާއި އެކުވެރިކަމާއި ފަރުދީ ޒިންމާއަކީ މުހިއްމު ކަމެއް ކަމަށްވެސް އެންބީއޭއެމް އިން ބުންޏެވެ.

ބޯޓުތަކުން ފުރާ ފަތުރުވެރިންނަށް ބޭނުންވާ ޕީސީއާރު ޓެސްޓު އެޗްޕީއޭ އިން އަންގާފައިވާ ޕްރޮޓޮކޯލްގެ ތެރެއިން ސަރަހައްދީ މަރުކަޒުތައް މެދުވެރިކޮށް ހެދުމުގެ މަގު ފަހިކޮށްދެވިފައިވާ ކަމަށެވެ. އަދި ހުޅުމާލޭ ޖެޓީ ސަރަހައްދުން ސާމްޕަލް ނެގޭނޭ ހިދުމަތް ގާއިމު ކުރެވިފައިވާ ކަމަށްވެސް އެންބީއޭއެމް އިން ބުންޏެވެ.

ސަފާރީތަކުން ފުރާ ފަތުރުވެރިންގެ ޕީސީއާރު ސާމްޕަލް ނެގުމުގެ މަސައްކަތް އެންބީއޭއެމް އިން މިދިޔަ އަންގާރަ ދުވަހު ވަނީ ފަށައިިފައެވެ.