ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރާ ފުރަތަމަ އެއާ ބަބްލް ރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމްކުރުމަށް ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިއީ ކޮވިޑަށްފަހު ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރެވޭ މިފަދަ ފުރަތަމަ އެއާ ބަބްލް ކަމަށެވެ. އަދި މިއާއެކު ޝެޑިއުލް ފްލައިޓްތައް ދެ ގައުމުގެ މެދުގައި ފެށިގެންދާނެ ކަމަށާއި ދަތުރުތައް ފެށި ނަމަވެސް، ކޮވިޑުން ރައްކާތެރިވުމަށް މިހާރު އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެ ގައުމުން ވެސް ދަމަހައްޓަމުން ގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެއާ ބަބްލްގެ ތެރެއިން ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު ދިއްލީ އަދި ޓްރިވެންޑްރަމުން މާލެ އައުމަށް ހަމަޖެހިފައިވާ ފްލައިޓަކުންނެވެ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވިއަން އަދި އެއާ އިންޑިއާއިން މާލެ އާއި އިންޑިއާގެ އެކި ސިޓީތަކާ ދެމެދު އުދުހެން ފަށާނެ އެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ އެއާ ބަބްލްގެ ސަބަބުން ބޭސް ފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ވަރަށް ބޮޑުތަން ފަސޭހަ ވެގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖެއިން ލިބެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާކުރަން މިހާރުވެސް ހާާއްސަ އުސޫލެއްގެ ތެރެއިން ދިވެހިންނަށް އިންޑިއާއަށް ދެވުނު ނަމަވެސް، އެއާ ބަބްލް ގާއިމްކުރެވުމުން ފްލައިޓްތަކުގެ ޝެޑިއުލްތައް ކުރިއާލައި އެނގިގެންދާނެ އެވެ.

އޭގެ އިތުރުން މި އެއާ ބަބްލްގެ ތެރެއިން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ، ރާއްޖެއަށް ކޮންމެ އަހަރަކުވެސް އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅުގައި މިއީ ލިބުނު އިތުރު ކުރިއެރުމެކެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ އެއާ ބަބަލް އުފެދުމުން، ކޮވިޑުގެ ސަބަބުން ވައިގެ ދަތުރުފަތުރު ހުއްޓުމުން ރާއްޖެއަށް ނާދެވި ތިބި ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ އިންޑިއާގެ ގިނަ ބަޔަކާއި ރާއްޖޭގެ އިގްތިސާދުގެ މުހިންމު ގިނަ އެހެން ދާއިރާތަކެއްގައި މަސައްކަތްކުރާ އިންޑިއާ މަސައްކަތްތެރިންނަށް ވެސް ރާއްޖެ އާދެވި ސިއްހީ ދާއިރާ އާއި އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖަހަން އެހީއަކަށް ވެގެންދާނެ ކަމަށެވެ.