މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖު މަޝްރޫއުއަށް އިންޑިއާ ސަރުކާރުން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ އެހީއެއް ދޭން ނިންމައިފި އެވެ.

ސަރުކާރުން އެކަން ހާމަކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ފޯނުން ގުޅުއްވައި މިއަދު ބޭއްވި މަޝްވަރާތަކަށްފަހު އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ، "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅައިލުމުގެ މަޝްރޫއަށް އިންޑިއާއިން ދޭ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖުގައި ހިމެނެނީ 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ލޯން ކޮމްޕޯޓަންޓަކާއި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ގްރާންޓް ކޮމްޕޯނަންޓެއް ކަމަށެވެ.

މީގެ ތެރެއިން 400 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާ އިރު، ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ފަސް އަހަރު ފަހުންނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓު ކަމަށް އެގްޒިމް ބޭންކުން ބުންޏެވެ.

ހައި ކޮމިޝަނުން އިތުރަށް ބުނީ، އެ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީޕީއާރު)ގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މަޝްރޫއުގެ ހުރިހާ މަސައްކަތެއް 2023 ވަނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އިންޑިއާގެ ލޯނު އެހީގައި އެގައުމުގެ ކުންފުންޏަކާ ހަވާލުކޮށް އަޅާ 6.7 ކިލޯ މީޓަރުގެ ބްރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" އަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު އެވެ. މިއީ މާލޭ ސަރަހައްދުގައި ހަދާ ދެވަނަ ބްރިޖެވެ.

އެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅައިލުމަށް ތިން ބްރިޖު ހަދާއިރު، އެ ބުރިޖު ހެދުމަށް ހަދަން ޖެހޭ ސާވޭތައް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ނެދަލެންޑްސްގެ ފުގްރޯއާ އެވެ. އެއީ 15.9 މިލިއަން އެމެރިކާ ޑޮލަރު (246 މިލިއަން ރުފިޔާ) އަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާ މާލެ-ތިލަފުށި ބްރިޖްގެ މަޝްރޫ އަށް 488 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

ނަމަވެސް މި އަހަރަށް ފާސްކުރި ބަޖެޓުގައި ގްރޭޓާ މާލެ ސަރަހައްދު ގުޅައިލުމުގެ މަސައްކަތުގެ ތެރެއިން މާލެ-ތިލަފުށި ބްރިޖު އެޅުމަށް ހިމަނާފައިވަނީ 411 މިލިއަން ރުފިޔާ އެވެ. ގުޅިފަޅު ހިއްކުމާއި ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް 247 މިލިއަން ރުފިޔާ ހަރަދު ކުރަން ވެސް ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ.