ސައުދީ އަރަބިއްޔާގެ ދެ އިންޓަނޭޝަނަލް އެއާޕޯޓަކަށް އަމާޒުކޮށް ހޫތީ ޖަމާއަތުން ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓާއި ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ކަމަށް ބުނާ މި ހަމަލާތަކުގައި ތިން މީހަކު މަރުވެ 36 މީހަކަށް ވަނީ އަނިޔާވެފައެވެ.
މިދިޔަ އަންގާރަ އަދި އިއްޔެ ދިން މި ހަމަލާތަކާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ ސިޔާދަތާއި ސަރަހައްދީ ނަޒާހަތްތެރިކަމާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ދިވެހި ސަރުކާރުން ދެކެއެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސުލްހަޔާއި ސަލާމަތާއި ހަމަޖެހުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށް، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް ސަރުކާރުން ވަނީ އެދިފައެވެ. މީގެ އިތުރުން، ސައުދީ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން މި ބަޔާނުގައި އާކޮށްފައިވެއެވެ. އަދި ސައުދީގެ ސިޔާދަތާއި ސަލާމަތްތެރިކަން ރައްކާތެރިކުރުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމަޔަށް ތާއީދުކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ވެރިރަށް ރިޔާދުގައި ހުންނަ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގައި ސޫދާނުގެ ރައްޔިތަކު މަރުވެފައިވާ އިރު، އިތުރު 8 މީހަކަށް އަނިޔާވެފައިވާ ކަމަށް ސައުދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) ރިޕޯޓުކޮށްފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ސައުދީގެ ފަސް ރައްޔިތަކާއި، މިސްރުގެ ދެ މީހެއްގެ އިތުރުން ޕާކިސްތާނު މީހަކު ހިމެނޭ ކަމަށް ބުނެފައިވެއެވެ.
ސިވިލް އޭވިއޭޝަނުން ބުނި ގޮތުގައި، އަނިޔާވި ހުރިހާ އެންމެން ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައެވެ. މީގެ އިތުރުން، މި ދެ ހަމަލާގެ ސަބަބުން ދެ އެއާޕޯޓުގެ އިމާރާތްތަކަށާއި މުދަލަށް ގެއްލުންތަކެއް ލިބިފައިވާކަން އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.
މި ހާދިސާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަގުތުން ފިޔަވަޅުތައް އަޅާފައިވާ ކަމަށް ގާކާއިން ބުނެފައިވެއެވެ. އަދި ލިބުނު ގެއްލުންތައް ވަޒަންކުރުމަށާއި، ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ސަލާމަތީ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ކޮމެންޓް