ފަހު ވަގުތު ޖެހި ދެ ލަނޑާއެކު އިޓަލީގެ އެޓަލާންޓާ ބަލިކޮށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން 25 އަހަރު ތެރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޕީއެސްޖީން ސެމީގެ ޖާގައެއް ހޯދީ ޕޯޗުގަލްގެ އެސްޓޭޑިއޯ ޑަ ލުޒްގައި ރޭ ކުޅުނު ކުއާޓާގެ މެޗުގައި 2-1ގެ ނަތީޖާއަކުން އެޓަލާންޓާ ބަލިކޮށްގެންނެވެ.
އެ މެޗުގެ ކުރީކޮޅުގައި ރަނގަޅު ކުޅުމެއް ދައްކައި، މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ހައިރާންކުރަނިވި ނަތީޖާތަކެއް ނެރެމުން އަންނަ އެޓަލާންޓާ އިން ވަނީ ޕީއެސްޖީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި އަލަހެންޑްރޯ ގޮމޭސް ފޮނުވާލި ހަމަލާ އާއި މެޗުގެ 11 ވަނަ މިނެޓުގައި ހާންސް ހޭޓްބޮއެރް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އެ ދެ ހަމަލާ ވެސް ޕީއެސްޖީގެ ކީޕަރު ކޭލާ ނަވާސް ވަނީ މަތަކޮށްފައެވެ.
މެޗުގެ 26 ވަނަ މިނެޓުގައި އެޓަލާންޓާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޑުވާން ޒަޕާޓާ ދިން ރީތި ބޯޅައަކުން އެޓަލާންޓާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މާރިއޯ ޕަސަލިޗްއެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އެޓަލާންޓާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ޕީއެސްޖީގެ ފަރާތުން ނުރައްކަލެއް ކުރިމަތި ނުވި ނަމަވެސް، ހާފުގެ ފަހުކޮޅު ޕީއެސްޖީން ވަނީ އެޓަލާންޓާގެ ގޯލަށް ނުރައްކާކުރަން ފަށައިފައެވެ. އެގޮތުން މެޗުގެ 80 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕީއެސްޖީގެ ޒުވާން ފޯވަޑް ކީލިއާން އެމްބާޕޭ ފޮނުވާލި އެ ހަމަލާ، އެޓަލާންޓާގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ.
މެޗު ނިމެނިކޮށް ޕީއެސްޖީން ވަނީ ދެ ލަނޑު ޖަހައި ލީޑު ހޯދައިފައެވެ. ދެވަނަ ހާފުގެ އެންމެ ފަހު މިނެޓުގައި ނޭމާ ދިން ބޯޅައަކުން ޕީއެސްޖީއަށް މާކުއިނިއޯސް ނަތީޖާ ހަމަހަމަކޮށްދިން އިރު، ޕީއެސްޖީން ލީޑު ހޯދީ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. އެޓަލާންޓާގެ ފޮނި އުންމީދުތަކަށް ހުރަސް އެޅިގެންދިޔަ ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެމަރޫން ފޯވަޑް އެރިކް މެކްސިމް ޗޯޕޫ މޯޓިންގްއެވެ.
މިއީ 25 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޕީއެސްޖީއަށް ސެމީން ޖާގަ ހޯދުނު ފުރަތަމަ ފަހަރެވެ. ޗެމްޕިއަންސް ލީގުގެ ސެމީގައި ޕީއެސްޖީ އެންމެ ފަހުން ވާދަކޮށްފައިވަނީ 1995 ވަނަ އަހަރު އޭސީ މިލާނާ ދެކޮޅަށެވެ. ނަމަވެސް އެ މެޗުގައި މިލާން އަތުން ބަލިވުމުން ޕީއެސްޖީއަށް ފައިނަލުގެ ޖާގައެއް ލިބިފައެއް ނުވެއެވެ.
ކޮވިޑާ ގުޅިގެން މެދުކަނޑާލި މުބާރާތްތަކުގެ ތެރޭގައި ޔޫރޮޕާ ލީގު ވެސް ހިމެނެއެވެ. ކޮވިޑުގެ ހާލަތުގެ ކުރިން މުބާރާތުގެ ފޯމެޓުގައިވާ ގޮތުން ފައިނަލާ ހަމައަށް ދެ ލެގު ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް، ކުއާޓާ ފައިނަލުން ފެށިގެން ކުޅުމަށް ހަމަޖައްސާފައިވަނީ އެއް ލެގެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާގެ މެޗެއް މިރޭ ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. ރާއްޖޭގަޑިން މިރޭ 12:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ޖަރުމަނުގެ އާރްބީ ލެއިޕްޒިގް އާއި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު