އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާ އެކު އެމްޑީޕީގެ ދެތިން މެންބަރުން އުޅެނީ ސަރުކާރު ހަލާކު ކޮށްލަން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މަގާމުން ދުރުކުރުމަށާއި އެފްއޭއެމް އާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ކުރަމުން ގެންދާ މަސައްކަތައް އިޝާރާތް ކުރައްވައި މިނިސްޓަރު މަހްލޫފް ވިދާޅުވީ އަލީ އާޒިމް ދެކެ ބިރުން ކުޅިވަރު ހަލާކު ކޮށްލަން ބައިވެރިވާ މީހަކަށް ދުވަހަކު ވެސް ނުވާނެ ކަމަށާއި އަދި އަލީ އާޒިމް ބުނާ ގޮތަށް ކުޅިވަރުގެ ކަންކަމުގައި ކަންތަކެއްވެސް ނުކުރާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާތީ މިނިސްޓަރު މަހުލޫފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކަމެއް ނުވާކަން ދައްކަން ދެތިން މެންބަރަކު މަސައްކަތް ކުރައްވާ ކަމަށެވެ.
"އެބޭފުޅުން އެކުރައްވާ މަސައްކަތް ކާމިޔާބު ވާނެހެނެއް ހިޔެއް ނުވޭ. ވަޒީރުންނާ އެކު ވަރަށް ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުން މަސައްކަތް ކުރައްވަނީ. މެންބަރުންގެ ފްރަސްޓްރޭޝަންތައް ހުންނާނެ ދާއިރާގެ ކަންކަން ނުވަންޏާ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިޝާރާތް ކުރައްވާ ދެތިން ބޭފުޅުންނަކީ ކޮން ބޭފުޅުންނެއްތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ އެއިން އެއްބޭފުޅަކީ އަލީ އާޒިމް ކަމަށެވެ. ނަމަވެސް ދެން ތިބި މެންބަރުންގެ ނަމެއް ވިދާޅެއް ނުވެއެވެ.
"އަލީ އާޒިމަށް އެމްޑީޕީ ޕީޖީގެ ތާއީދެއް މިހާރު ނޯންނާނެ. އަލީ އާޒިމް ކުރައްވާ ކަންތައްތަކުގެ ސަބަބުން ވަރުގަދައަށް އޮތް ސަރުކާރެއް ހަލާކުވެގެން ދިއުމަކީ ވަރަށް ދެރަކަމެއް." މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މަޖިލިސް މެންބަރުންނާއި ސަރުކާރާ ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް މަޖިލީހުގެ މެންބަރުން ވަޒީރުންނަށް ގާނޫނާ ހިލާފު ކަންކަން ކުރުމަށް އެންގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މަހުލޫފް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބު ފަސްކުރުމަށް އާޒިމް އިސްވެ ހުރެ މަސައްކަތް ކުރީ ނުބައި ނިޔަތެއްގައި ކަމަށެވެ.
"އަލީ އާޒިމްއަކީ އެފްއޭއެމްގައި ހުރެގެން އޭގެ ފޮނި ރަހަ ވަރަށް ބޮޑަށް ލާފައި ހުރި މީހެއް. އެހެން ނޫނަމަ އެވަރަކަށް ބޭފުޅަކު އެފްއޭއެމްއޭ ކިޔައިގެން އަޅުގަނޑު ކުރަން ހުރި އެހެން މަސައްކަތްތައް ކުރިޔަ ނުދީ އަޅުގަނޑު ފަހަތުން ދުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް،" މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ އާޒިމްމެން އެދޭ ގޮތަށް ފުލުހުންނާއެކު ކުޅިވަރު މިނިސްޓަރު ވަޑައިގެން އެފްއޭއެމްގެ އިންތިހާބު ހުއްޓުވިނަމަ ރާއްޖެ ސަސްޕެންޑްކޮށް އެކަމުގެ ސަބަބުން ކުލަބުގެ ރުޅި އަދި ކުޅުންތެރިންގެ ނަފްރަތު އަމާޒުވާނީ ރައީސް ސޯލިހާއި އޭނާއަށް ކަމަށެވެ.
"އަލީ އާޒިމްއަށް ކަނޑައެޅިގެން މިކަން އޮތްގޮތް އެނގެމެ އަޅުގަނޑު ބޭނުންކޮށްގެން މުޅި ރާއްޖޭގެ ފުޓްބޯޅަ ހަލާކުކޮށްލި ބަޔަކީ އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާކަން ދައްކަން އެކުރާ މަސައްކަތަކަށް އެއްބާރުލުމެއް ނުދޭނަން. އަޅުގަނޑު ކުރާ މަސައްކަތެއް ކުރާނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ގޮތަކަށް. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަކަށް ގާނޫނާއި ގަވާއިދާ ހިލާފު ނުވާ ގޮތުގެ މަތިން އަޅުގަނޑު ހުރިހާ ކަމެއް ކުރާނަން. އެކަމުގެ ޔަގީންކަން ރައީސަށް އޮންނާނެ." މަހުލޫފް ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައުމުގައި ކުޅިވަރު ދާއިރާ ސިޔާސީ ނުކުރުމަށް ސިޔާސަތު ކަނޑައެޅި ކަމަށާއި އެހެންކަމުން ކުޅިވަރުގެ ދާއިރާއަށް ސިޔާސީ ކަންކަން ނުވައްދައި މަޝްވަރާގެ ތެރެއިން އަބަދު ވެސް ކަންކަން އިމްތިޒާމްކުރާކަން މިނިސްޓަރު މަހުލޫފު ވަނީ ފާހަގަކުރައްވައިފައެވެ.
އަހްމަދު މަހްލޫފު
އަހްމަދު މަހްލޫފު
އަހްމަދު މަހްލޫފު