ކޮވިޑް 19 ޖެހިގެން އިއްޔެ މަރުވި މީހާގެ ޖަނާޒާ ކުރިއަށްދަނިކޮށް، އޭނާ އައިސޮލޭޝަނަށް ގެންދަން ގުޅުނީ އިދާރީ އޮޅުމަކުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އިއްޔެ މަރުވެފައިވަނީ އުމުރުން 67 އަހަރުގެ މީހެކެވެ. އޭނާއަކީ އިއްޔެ އައިޖީއެމްއެޗަށް ގެންގޮސް އެމަޖެންސީ ރެސްޕޮންސް (އީއާރު)ގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އެމީހާ މަރުވި ފަހުން، އޭނާ އައިސޮލޭޝަނަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅާފައިވާ ކަމަށާއި އެކަމަށް އާއިލާގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ.

"މިކަން އެގޮތަށް ހިނގާފައިވާތީ އާއިލާގެ ފަރާތުން އަޅުގަނޑުމެން ނިހާޔަތަށް މައާފަށް އެދެން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އިއްޔެ މަރުވި މީހާ އައިސޮލޭޓްކުރަން ގުޅިފައިވަނީ އެމީހާ މަރުވިތާ 30 ވަރަކަށް މިނެޓު ފަހުން ކަމަށާއި އެހެންނަމަވެސް އެމީހާ އެވަގުތު އޮތީ އައިޖީއެމްއެޗްގައި ކަމަށް މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އަދި އެކަން ރަނގަޅުކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭނާ އައިޖީއެމްއެޗްގައި ބާއްވައިގެން ޓެސްޓުކޮށްފި ނަމަ، އެނގޭނެ ގޮތަށް ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.