އިތުބާރު ގެއްލެން ޖެހޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި މަސައްކަތް ކުރައްވަނީ ގާބިލުކަން ތަންދޭ އެންމެ މަތީ ދަރަޖައެއްގައި އެންމެ ރަނގަޅަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ޓަކައި، އެކަމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުން އަންނަ މައްސަލައިގައި "ވަން" އިން ސުވާލު ދެންނެވުމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ މަސައްކަތް ކުރައްވަނީ ހަވާލުކުރައްވައިފައިވާ މަސްއޫލިއްޔަތާއި ޒިންމާތައް ވީ އެންމެ ރަނގަޅަކަށް އަދާކުރެއްވުމަށް ކަމަށާއި ކުރެއްވިފައިވާ މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

"އިތުބާރު ގެއްލުނީ ކީއްވެ ކަމެއް ނޭނގެ. ތި ފަދަ ކަމެއް އުޅޭކަން މި އެނގުނީވެސް މިއަދު. އިތުބާރު ގެއްލޭ ފަދަ ކަމެއް ހިނގައިގެން އެފަދަ ކަމެއް އަޅުގަނޑާ ހިއްސާކުރައްވައިފައެއްވެސް ނެތް." މިނިސްޓަރު ފައްޔާޒް "ވަން" އަށް ވިދާޅުވި އެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ މިއީ ޑިމޮކްރެސީ ކަމަށާއި އިތުބާރު ނެތް ނަމަ އެ ގޮތަށް ފާސްކުރައްވައި ވަކި ކުރެއްވުމަކީ މަޖިލިސް މެންބަރުންނަށް އޮތް އިޚުތިޔާރެއް ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމެވިޔަސް އެކަމަށް ފުރިހަމަޔަށް އިހުތިރާމުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ ޑިމޮކްރެސީ. މީގެން މި ދައްކައިދެނީ ޑިމޮކްރެސީގެ ވަރުގަދަކަން. އަޅުގަނޑު ހިތުން މަސައްކަތް ކުރަމުން މި ދަނީ ވަރަށް އިޚުލާސްތެރިކަމާ އެކު ހުރިހާ ވަގުތެއް އަޅުގަނޑުގެ ޑިއުޓީ އަދާކުރުމަށް ހުސްކޮށްގެން. ދެން އަޅުގަނޑަށް ކުރެވުނު މަސައްކަތް ރަނގަޅުތޯ ނުވަތަ ގޯސްތޯ އެކަން ނިންމާނީ ރައްޔިތުން." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

"ވަން" އަށް މައުލޫމާތު ދެއްވި އެމްޑީޕީގެ އިސް މަޖިލިސް މެންބަރަކު މިއަދު ވިދާޅުވީ މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ކަންތަކުގައި އެންމެ އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ކަމަށެވެ.

ކެބިނެޓު މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެންބަރުންގެ ސޮއި ލިބިގެންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިފަދަ ހުށަހެޅުމަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ ކުރީން އެ ވަޒީރަކަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހެނޭ ކަމަށް ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ށ ގައި ބުނެ އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 65 މެންބަރުންނާ އެކު އެމްޑީޕީ އޮތީ ސުޕަ މެޖޯރިޓީގަ އެވެ. އެހެން ކަމުން ފައްޔާޒްގެ އިތުބާރު ނެތް ކަމަގެ މައްސަލަ މަޖިލީހަށް ވެއްދި ނަމަވެސް އެކަން ފާސްވުމަށް ބޭނުންވާ ވޯޓު ހަމަ ކުރެވޭނީ، އެމްޑީޕީގެ ތެރެއިން ގިނަ ވޯޓުތަކެއް ލިބިގެންނެވެ.