ކޯވިޑް 19 ވަރަށް ހަލުވިކަމާއިއެކު ފެތުރެމުންދާ މިދަނޑިވަޅުގައި ސައިންސްވެރިންނާއި ސިއްހީ ތަޖުރިބާކާރުން އަންނަނީ ހުއްޓުމެއްނެތި ބަލިން ރައްކާތެރިވެ، ބަލިފެތުރޭ މިންވަރު މަދުކުރުމަށް މަގުތައް ހޯދުމުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން ސައިންސްވެރިން ހެދި ދިރާސާއަކުން ވަނީ އަނގަ ދޮންނަން ބޭނުން ކުރާ މައުތުވޮޝްއިން ކަރުތެރެ ދޮވުމުން ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު މަދު ވާނެ ކަމަށް ދައްކައިފައެވެ.

އެގޮތުން މައުތުވޮޝް ބޭނުން ކޮށްގެން ރަނގަޅަށް ކަރުތެރެ ދޮވުމުން، އަނގައިތެރޭގައި ކޯވިޑް 19 ފަތުރާ ވައިރަސް ހުރިނަމަ، ވައިރަސް އަނގައިގެ ތެރޭގައި ހުންނަ މިންވަރު މަދުކޮށްދޭނެއެވެ. އެފަދައިން ކަންތައްތައް ކުރުމުން ކޯވިޑް 19 ވައިރަސް އަވަހަށް ޖެހުން މަދުވާނެއެވެ. އެހެންނަމަވެސް މައުތުވޮޝް ބޭނުންކުރުމުން ކޯވިޑް 19 އަށް ފަރުވާ ނުލިބޭނެ ކަމަށާއި އަދި ބަލި ޖެހުމުން މުޅިން ރައްކާތެރިވެސް ނުކޮށްދޭނެ ކަމަށް އެދިރާސާގައި ބުނެފައި ވެއެވެ.

ޖަރުމަނުގައި ހުންނަ ރުހްރު ޔުނިވަސިޓީން ތައްޔާރުކުރި އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މައުތުވޮޝް އިން އަނގަ ދޮވުމުން ކޯވިޑް 19 ފަތުރާ ވައިރަހުގެ އަދަދު މަދުކޮށް ބައްޔަށް ޕޮޒިޓިވްވުމަށް އޮންނަ ފުރުސަތު ކުޑަކޮށްދެއެވެ. އެގޮތުން، އެ ދިރާސާގައި ވަނީ ޖަރުމަނުން ލިބެން ހުންނަ 8 ބްރޭންޑެއްގެ މައުތުވޮޝް ބޭނުން ކޮށްފައެވެ.

އެ ޔުނިވަސިޓީގެ ސައިންސްވެރިން ވަނީ މައުތުވޮޝްއާއި ކޯވިޑް 19 ފަތުރާ ވައިރަސް އެއްކުރުމަށް ފަހު 30 ސިކުންތު ވަންދެން ތަޅުވައިފައެވެ. އެއަށްފަހު އެ ޓެސްޓް ކުރުމުން ވަނީ ވައިރަސް ހުރި މިންވަރު މަދުވެފައިކަން ނަތީޖާއިން ދައްކައިފައެވެ. އެގޮތުން ތިން ބްރޭންޑެއްގެ މައުތުވޮޝް ވައިރަސްއާއި އެއްކުރުމަށްފަހު 30 ސިކުންތު ވަންދެން ތަޅުވައިފައި ޓެސްޓް ކުރުމުން ވަނީ ވައިރަހުގެ އެއްވެސް މިންވަރެއް ނެތް ކަމަށްވެސް ދައްކައިފައެވެ.

ރުހްރު ޔުނިވަސިޓީގެ ސައިންސްވެރިން މިހާރު އަންނަނީ ކޮވިޑް 19 އަށް ފަރުވާ ދިނުމަށް މައުތުވޮޝް އެއްވެސް މިންވަރަކަށް ބޭނުންކުރެވިދާނެތޯ ބެލުމަށް އިތުރު ދިރާސާތައް ކުރަމުންނެވެ.