މިދިޔަ ހުކުރު ދުވަހު ކެރެލާގެ އައްސޭރި ފަށުގައި އޮންނަ ކަލިކަޓް އެއާޕޯޓުގެ ރަންވޭއިން ކަހާލައިގެން ގޮސް ވެއްޓުނު އެއާ އިންޑިއާ އެކްސްޕްރެސް ފްލައިޓުން 18 މީހަކު މަރުވި އެވެ. އެއާއެކު އޭގެ ކޮންމެ މީހަކު ލިޔަމުންދިޔަ ހަޔާތުގެ ވާހަކަތަކަށް ނިމުން ގެނަ އެވެ. އެ ވާހަކަތަކާ ގުޅިފައިވާ ހުވަފެންތައް ފުނޑުފުނޑުވި އެވެ.

އޭގެ ތެރެއިން އެކަކަކީ އުމުރުން 24 އަހަރުގެ މުހައްމަދު ރިޔާސް އެވެ. ދުބާއީގެ ފާމަސޫޓިކަލް ކުންފުންޏެއްގެ ވެއާ ހައުސް އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ރިޔާސް މިދިޔަ ހުކުރު ދުވަހު އިންޑިއާއަށް ކުރި ދަތުރަކީ މީގެ އަހަރެއް ކުރިން ކައިވެންޏަށް އޭނާ ކުރި ވައުދު ފުއްދުމަށް ކުރި ދަތުރެކެވެ. އޭނާގެ މަރާއެކު ކޮލެޖުން ފެށި ލޯބީގެ ވާހަކަ ވެސް ވަނީ ނިމިފަ އެވެ.

ރިޔާސްގެ ބޮޑުބޭބެ އަޝްރަފް އަލީ މީޑިއާއަށް ކިޔައިދީފައިވާ ގޮތުގައި، ރިޔާސް އަދި އޭނާ ކައިވެނި ކުރަން ނިންމައިގެން ހުރި ހަންޔާ ނަމަކަށް ކިޔާ އަންހެން ކުއްޖާ ލޯބީގެ ވާހަކަ ލިޔަން ފެށީ އެދެމީހުން ކޮލެޖުގައި އުޅެމުން ކަމަށެވެ. އެއިރު ރިޔާސް އަކީ ކޮލެޖުގައި މަޝްހޫރު މޫނެެކެވެ. އަދި ކޮލެޖު ސްޓޫޑެންޓްސް ޔޫނިއަންގެ ޗެއާމަނެވެ.

ނަމަވެސް ކޮލެޖު ނިންމައި ވަޒީފާއެއް ހޯދުމަށް ރިޔާސް ދިޔައީ ދުބާއީ އަށެވެ. ރިޔާސް އާއި ހަންޔާގެ ލޯބީގެ ގުޅުން އާއިލާއަށް އެނގުނީ ވިސާ ބަދަލުކުރަން ޔޫއޭއީން އެނބުރި އިންޑިއާއަށް ކުރި ދަތުރެއްގަ އެވެ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރި އެވެ.

"ރިޔާސް އެނބުރި އައުމުން އެ ދެމީހުންގެ ގުޅުން އަހަރެމެންނަށް އެނގިއްޖެ. (ރިޔާސް އަދި ހަންޔާގެ ލޯބީގެ ގުޅުން). ދެ ފަރާތުގެ އާއިލާއިން ވަނީ މީގެ އަހަރެއް ކުރިން އެމީހުންގެ ކައިވެންޏަށް އާނބަސް ބުނެފަ. ކައިވެނި ހަފުލާ ބާއްވަން އޮތީ ފުރަތަމަ އަހަރީ ޗުއްޓީއަށް އެނބުރި އިންޑިއާއަށް އައުމުން،" އަޝްރަފު އަލީ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި، ދެ ފަރާތުގެ އާއިލާއަށް ރިޔާސް އާއި ހަންޔާގެ ލޯބީގެ ގުޅުން އެނގުމުން، ދެ ފަރާތުގެ އާއިލާގެ ދޭތެރޭގައި ވެސް ގުޅުން ބަދަހިވި އެވެ. ދެ އާއިލާއިން އެއްބަޔަކު އަނެއް ބަޔަކަށް ގުޅައި، އެއް ގެއިން އަނެއް ގެއަށް ވެސް ދެއެވެ. ނަމަވެސް ރިޔާސް އާއި ހަންޔާ ދިޔައީ އެމީހުންގެ ލޯބީގެ ގުޅުން ދެގައުމުގައި ތިބެގެން ބަދަހި ކުރަމުންނެވެ.

އެގުޅުމުގައި ކައިވެނީގެ ގޮށްޖެހުމަށް ހަމަޖެހިފައި އޮތީ މީގެ މަސްތަކެއް ކުރިންނެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ދަތުރުފަތުރު މެދުކަނޑައިލުމުން ދެމީހުންގެ ކައިވެނި ވެސް ފަސްކުރަން ޖެހުނީ އެވެ.

"މިދިޔަ މަހުގެ 14 ވަނަ ދުވަހު ކައިވެނި ބާއްވަން އަސްލު އޮތީ. ނަމަވެސް ފަހުން ރިޔާސްއަށް އާދެވޭ ދުވަހަކަށް ބަލާފަ މިމަހަށް ފަސްކުރީ. ކައިވެނި ހަފުލާ ބާއްވަން ހަމަޖެހިފައި އޮތީ ދުބާއީން އެނބުރި އައިސް، ކަރަންޓީނުގެ މުއްދަތު ހަމަވުމުން. ދުބާއީގައި ހުންނަ އިންޑިއާގެ ކޮންސޫލޭޓަށް އިންޑިއާއަށް ދާން ބޭނުންވާ ސަބަބެއް ކަމަށް ރިޔާސް ބުނެފައިވަނީ ކައިވެނި ހަފުލާއަކަށް ކަމަށް. އެއީ އަހަރެއް ކުރިން ދާން ނިންމާފައި އޮތް ކައިވެންޏެއް ކަމަށް ވެސް ބުނި" ރިޔާސްގެ ބޮޑުބޭބެ ބުންޏެވެ.

ނަމަވެސް ލޯބިވެރިޔާއަށް މީގެ އަހަރެއްހާ ދުވަސް ކުރި ވައުދު ފުއްދަން ކުރި ދަތުރު ވެގެންދިޔައީ ރިޔާސްގެ އެންމެ ފަހު ދަތުރަށެވެ. އެ ދަތުރުގައި ޔޫއޭއީގެ އަލް އައިން ސިޓީގައި ވަޒީފާ އަދާކުރަމުން އަންނަ ރިޔާސްގެ އެއްބަނޑު އެއްބަފާ ބޭބެ ނިޒާމުއްދީން ވެސް ބައިވެރިވި އެވެ. ނަމަވެސް ފްލައިޓް ވެއްޓުނު ހާދިސާގައި އޭނާ ވަނީ ވަރަށް ހަނިގޮތަކަށް ސަލާމަތްވެފަ އެވެ.

"ނިޒާމުއްދީނަށް ފަރުވާ ދެމުން އަންނަނީ ކަލިކަޓް މެޑިކަލް ކޮލެޖުގައި. ރިޔާސްއަށްވީ ގޮތެއް އޭނާއަކަށް ނޭނގޭނެ. އޭނާއަށް އެއްވެސް ނުރައްކަލެއް ނެތް. ނަމަވެސް ބައެއް ތަންތަން ބިންދައިގެން ގޮސްފައި ހުރެގެން ބޭސް ކުރަމުން އަންނަނީ،" އަޝްރަފު އަލީ ބުންޏެވެ.

ރިޔާސް މިހާރު ވަނީ ވަޅުލައިފަ އެވެ. ނަމަވެސް އޭނާގެ ވާން އުޅުނު އަނބިމީހާގެ ލޮލުން ކަރުނަ އަދިވެސް ނުހިކެ އެވެ. އޭނާއަށް ލިބިފައިވާ ހިތްދަތިކަމަށް ތަސައްލީއެއް ގެނެސްދޭނެ މީހަކު ވެސް ނެތެވެ. ކޮލެޖުން ފެށި ލޯބީގެ ވާހަކަ އޭނާ ނިންމަން ޖެހުނީ ހިތްދަތިކަމާއެކު އެވެ.