102 ދުވަހަށްފަހު ކޮވިޑްގެ އާ ކޭސްތަކެއްފެނި ނިއުޒިލެންޑުގެ އެންމެ ބޮޑު ސިޓީ ލޮކްޑައުންކޮށްފިއެވެ.

އާ ކޭސްތައް ފެނިގެން ލޮކްޑައުން ކޮށްފައިވަނީ ނިއުޒިލެންޑުގެ އޮކްލޭންޑް އެވެ. އޮކްލެންޑް ވަނީ ތިން ދުވަހުގެ މުއްދަތަށް ލޮކްޑައުން ކޮށްފައެވެ.

އެސިޓީގެ އެއް އާއިލާއެއްގެ ހަތަރު މީހަކު ވަނީ ކޮވިޑް 19އަށް ޕޮޒިޓިވް ވެފައެވެ. މިއާއިލާގެ އެއްވެސް މީހަކު ފަހުގެ ތާރީހެއްގައި އެއްވެސް ދަތުރެއް ކޮށްފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ.

ތިންދުވަހަށް އޮކްލެންޑު ލޮކްޑައުން ކުރުމަށް ހަމަޖެހިފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށްކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ނިއުޒިލެންޑުން ވަނީ ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ކޮވިޑުގެ ހަނގުރާމައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގައުމުން މިހާތަނަށް ފެނިފައިވަނީ 1220 ކޭސް އެވެ. އަދި ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 22 މީހުންނެވެ.