ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 14 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 14 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 2849 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 66 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 52 ދިވެއްސަކާއި ބަންގުލަދޭޝްގެ 12 މީހަކާއި އިންޑިއާގެ ދެ މީހެކެވެ.

މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 5223 އަށް އަރައިފައެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 1507 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 148 މީހަކު އެބަ ތިއްބެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 66 މީހަކު ޕޮޒިޓިވްވި ނަމަވެސް، މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ގިނަ ދުވަސްތަކުގައި ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ 100 އިން މަތީގައެވެ. މި ހަފުތާއަށް ބަލައިލާ އިރު، މިދިޔަ އާދީއްތަ ދުވަހު ޕޮޒިޓިވްވެފައިވަނީ 143 މީހެކެވެ. އަދި އިއްޔެ ޕޮޒިޓިވްވީ 116 މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 20 މީހަކު ވަނީ މަރުވެފައެވެ. އެއީ 15 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 13 ދިވެއްސަކު ހިމެނެއެވެ.