އިތުރު ވަގުތުގައި ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުން ޑެންމާކުގެ ކޯޕަންހޭގަން ބަލިކޮށް، ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް އިނގިރޭސިވިލާތުގެ ކާމިޔާބު ކްލަބު މެންޗެސްޓާ ޔުނައިޓެޑް ދަތުރުކޮށްފިއެވެ.
ޖަރުމަނުގެ ރެއިން އެނާޖީ ސްޓޭޑިއޮންގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުގައި ކޯޕަންހޭގަންގެ މައްޗަށް ޔުނައިޓެޑް ކުރި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ޔުނައިޓެޑުގެ މާކަސް ރަޝްފާޑާއި ކޯޕަންހޭގަންގެ މުހައްމަދު ޑަރަމީއަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޔުނައިޓެޑުގެ ޕޯޗުގަލް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ކޯޕަންހޭގަން ގޯލުގެ ހުރަސްދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ 61 ވަނަ މިނެޓުގައި ވެސް ޔުނައިޓެޑުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ. ގޯލުގެ މަތީ ކަނަކަށް އަމާޒުކޮށް ރަޝްފާޑް ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ ކޯޕަންހޭގަންގެ ކީޕަރު ކާލް ޖޯހަން ޖޯންސަންއެވެ.
އޭގެ އިތުރުން ވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ޔުނައިޓެޑަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ޔުނައިޓެޑުގެ ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ ޔުނައިޓެޑުގެ ގޯލުގެ އަރިމަތީ ދަނޑިއަކަށް އަމާޒުވި އިރު، ޕައުލް ޕޮގްބާ ފޮނުވާލި ހަމަލާ ކޯޕަންހޭގަންގެ ކީޕަރު ޖޯންސަން ވަނީ މަތަކޮށްފައެވެ. އަދި މެޗުގެ ދެވަނަ ހާފު ނިމެނިކޮށް ޔުނައިޓެޑުގެ އެންތޮނީ މާޝިއަލް ފޮނުވާލި ހަމަލާ ވެސް ކޯޕަންހޭގަންގެ ކީޕަރު ޖޯންސަން ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރުވެސް ދެ ޓީމަށް ލަނޑެއް ނުޖެހި އެއްވަރުވެފައިވުމުން، ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. ޔުނައިޓެޑުން ޖެހި ލަނޑު ފެނިގެންދިޔައީ އިތުރު ވަގުތުގެ ފުރަތަމަ ހާފު ފެށިތާ ފަސް މިނެޓުގެ ތެރޭގައެވެ. ކޯޕަންހޭގަންގެ ޕެނަލްޓީ އޭރިއާ ތެރެއިން މާޝިއަލްއަށް އަންދްރޭސް ބެލާންޑް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެނިކޮށް ވެސް ޔުނައިޓެޑަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޔުނައިޓެޑުގެ ފެނާންޑޭޒްއަށް ލިބުނު ފުރުސަތަކުން އޭނާ ފޮނުވާލި ހަމަލާ ކޯޕަންހޭގަންގެ ކީޕަރު ޖޯންސަން މަތަކުރި އިރު، ވިކްޓާ ލިންޑެލޮފް ފޮނުވާލި ހަމަލާ އަމާޒުވީ ކޯޕަންހޭގަން ގޯލުގެ އަރިމަތީ ދަނޑިއަކަށެވެ.
ކޮވިޑާ ގުޅިގެން މެދުކަނޑާލި މުބާރާތްތަކުގެ ތެރޭގައި ޔޫރޮޕާ ލީގު ވެސް ހިމެނެއެވެ. ކޮވިޑުގެ ހާލަތުގެ ކުރިން މުބާރާތުގެ ފޯމެޓުގައިވާ ގޮތުން ފައިނަލާ ހަމައަށް ދެ ލެގު ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް، ކުއާޓާ ފައިނަލުން ފެށިގެން ކުޅުމަށް ހަމަޖައްސާފައިވަނީ އެއް ލެގެވެ. އަދި ކުއާޓާ ފައިނަލުން ފެށިގެން މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގައެވެ.
ސެމީގައި ޔުނައިޓެޑު ނުކުންނަން ޖެހޭނީ މިރޭ 12:00ގައި އިނގިރޭސިވިލާތުގެ ވުލްވްސް އާއި ސްޕެއިންގެ ސެވިއްޔާ ކުޅޭ ކުއާޓާގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސެމީގެ އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ޔުނައިޓެޑުގެ އިތުރުން އިޓަލީގެ އިންޓަ މިލާނުން ވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އިންޓައިން ސެމީގެ ޖާގައެއް ކަށަވަރުކުރީ ކުއާޓާގައި ރޭ ޖަރުމަންގެ ލެވަކޫސަން އަތުން 2-1ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިމަހުގެ 17 ވަނަ ދުވަހު ކުޅޭ ސެމީގައި އިންޓަ ނުކުންނަން ޖެހޭނީ މިރޭ 12:00ގައި ޔޫކްރޭނުގެ ޝަހްތާރު ޑޮނެސްކާއި ސްވިޒަލެންޑުގެ ބާސެލް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު