ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިއަހަރުގެ ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު 69 ޕަސެންޓް ދަށްވެއްޖެ އެވެ.
މީރާ އިން ކޮންމެ މަހަކު ނެރޭ މާލީ ރިޕޯޓުގެ ޖުލައި މަހުގެ އަދަދުގައިވާ ގޮތުން މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނީ 656.10 މިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބުނު 582.7 މިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބުނު 73.4 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހު ޑޮލަރުން 7.4 މިލިއަން ލިބުނެވެ.
ނަމަވެސް މިއަހަރުގެ ޖުލައި މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ އަކީ 660 މިލިއަން ރުފިޔާ އެވެ. މިިދިޔަ އަހަރުގެ ޖުލައި މަހު ދައުލަތަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނެ އެވެ.
ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އޮތުމަށް ދިން ލުޔާއެކު މިދިޔަ މަހުގެ ތެރޭގައި މީރާ ވަނީ އަލުން ހުޅުވައިލައިފަ އެވެ. ޓެކްސް އާއި ޓެކްސް ނޫން އާމްދަނީން ލިބެން ޖެހޭ ޕޭމަންޓުތައް ދައްކަން ކަނޑައަޅާފައިވާ ސުންގަޑިއަކީ މިދިޔަ މަހާއި މިމަހުގެ ނިޔަލެވެ.
ނަމަވެސް ކޮވިޑާ ގުޅިގެން ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި ޓޫރިޒަމް ބިމު ކުލިން ލިބެން ޖެހޭ އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު ބޮޑުތަން ވަނީ ދަށްވެފަ އެވެ.
ޖުލައި މަހުގެ އާމްދަނީ 69 ޕަސެންޓް ދަށްވި އިރު، މިއަހަރުގެ ޖުލައި މަހާއި މެއި މަހު ވެސް ދައުލަތުގެ އާމްދަނީ ވަނީ ވަރަށް ބޮޑުތަން ދަށްވެފަ އެވެ. އެގޮތުން ޖޫން މަހު ލިބުނީ 276 މިލިއަން ރުފިޔާ އެވެ. އަދި މެއި މަހު ލިބުނީ 206 މިލިއަން ރުފިޔާ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)