މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، ލަފާކުރި މިންވަރަށް ވުރެ 16.9 ޕަސެންޓް މަތިވެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުގައި، ދެވަނަ ކުއާޓަރުގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި 2.49 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ބަލައިގެންފައެވެ. މިއީ އެ މުއްދަތުގައި ލިބޭނެކަމަށް ކުރިން ލަފާކުރި އަދަދަށް ވުރެ ބޮޑު ކުރިއެރުމެކެވެ. މީރާއިން ފާހަގަކުރި ގޮތުގައި، އަންދާޒާއަށް ވުރެ އާމްދަނީ ރަނގަޅުވީ ޓީޖީއެސްޓީ ދައްކާ ފަރާތްތަކުގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. ނަމަވެސް، ވޭތުވެދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅައިކިޔާއިރު މިއީ އަށް ޕަސެންޓުގެ ދަށްވުމެކެވެ.

މުޅި ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، ބޭރު ފައިސާއިން ލިބުނު ބައި ހިމަނައިގެން، މި އަހަރުގެ ދެވަނަ ކުއާޓަރުގައި 6.05 ބިލިއަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު އެއް ޕަސެންޓުގެ ކުރިއެރުމެކެވެ.