ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބިވާ 97 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ބާރަށް ކުރިއަށްގެންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީނު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރިސޯޓުތަކުން ކުލި ނުދައްކާ ވާހަކަ ދައްކާ އިރު، އެ ދާއިރާގެ ގިނަ ފަރާތްތަކަކީ ގާނޫނާއި ގަވައިދުގެ ތެރެއިން ޓެކުހާއި ކުލި ދައުލަތަށް ދައްކާ ފަރާތްތައް ކަމަށެވެ. ނަމަވެސް މަދު ބަޔަކާ ހުރެ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި ހުރުމަކީ ބޮޑު މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި މިހާރު ވެސް ހިންގަމުން އަންނަ ތަންތަނާއި އެކި ސަބަބުތަކާ ހުރެ މިނިސްޓްރީގެ ހުއްދަ ނެތި ބަންދުކޮށްފައިވާ ތަންތަންވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ފައިސާ ހޯދުމަށްޓަކައި އެ ފަރާތްތަކާ މަޝްވަރާކޮށްގެން ފިޔަވަޅު އެޅުމުގެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށާއި މިހާރުވެސް މި މަސައްކަތުގެ ތެރެއިން ރަނގަޅު ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެ މީހުންނާ ދޭތެރޭ އަޅާ ފިޔަވަޅުތައް އެ އުސޫލުގެ ތެރެއިން ފިޔަވަޅު އެޅުމުގެ ނިޒާމެއް ގާއިމުކޮށް، އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން މި ރިކަވާ ކުރުމުގެ ކަންތައްތަކެއް އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި 2013 ވަނަ އަހަރުން ފެށިގެން އެއްވެސް ވަރަކަށް ކުލި ނުދައްކާ ކުންފުނިތައް ހިމެނެއެވެ. ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ގަވާއިދާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ގިނަ ލުއިތަކެއްދީ އަދި ކުލީގެ ޖޫރިމަނާ މާފުކޮށްދޭތީ ރިސޯޓުތަކުގެ ކުލި ނުދައްކަން ހިތްވަރު ލިބޭ ކަމަށް ބުނެ، މީގެ ކުރިން އޮޑިޓަ ޖެނެރަލް އޮފީހުގެ ރިޕޯޓެއްގައިވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އަލީ ޔާމިން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ކޮމެންޓް